29 Dec 2015, 00:19
(25 ޑިސެމްބަރުގެ އަދަދާ ގުޅޭ)
ކައުސާހިބާصلّى اللّـه عليه وسلّمعائشةގެފާނާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ އުމުރުފުޅަކީ ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި ހަތްއަހަރުފުޅެވެ. ނަމަވެސް، މިޒަމާނުގެ ވަރަށްގިނަ ޢިލްމުވެރީންގެ ޚިޔާލުފުޅު މިކަމާ ތަފާތެވެ. (މުސަލްމާނޫންކީ މާއީން، ޢައްލާމާ ރާޒިޤުލްޚައިރީ، އުއްމަހާތުލްމުއުމިނީން، ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު، އައްޞިއްދީޤާ ބިންތުއްޞިއްދީޤު، ޢައްބާސް މަޙްމޫދު އަލްޢައްޤާދު) ޢިލްމުވެރިން ވިދާޅުވާގޮތުގައި، އެހާ ތުއްޕުޅު ޢުމުރުފުޅުގައި، މި ބަރަކާތްތެރި ކާވެނިފުޅު ކުރެވުމުގެ ޙިކްމަތަކީ، ނުބުއްވަތާ ޚިލާފަތުގެ ގުޅުން ހަރުދަނާވުމެވެ. މީގެއިތުރަށް، ޢަރަބިކަރައިގެ ހޫނު އާބުހަވާގައި، އަންހެންކުދިން ބޮޑެތިވަމުން އަންނަނީ އާދަޔާޚިލާފު އަވަސްމިނެއްގައެވެ. އެހެންކަމުން، އެ ކާވެނިފުޅު ކުރެވުނުއިރުވެސް، އެކަމަނާގެ ހަށިކޮޅުވަނީ އެފަދަ ކާވެނިފުޅަކަށް އެކަށީގެންވާވަރަށް ހެދިފޯދިފައެވެ. ނަމަވެސް، ކާވެނިފުޅަށްފަހުވެސްأمّ المؤمنينއިންނެވީ އެކަމަނާގެ ގަނޑުވަރުގައެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއާއި،أمّ المؤمنينގެ ކާވެނިފުޅު ކުރެވުނީ، ވަރަށް ސާދާގޮތެއްގައެވެ. އިސްރާފުގެ ރަސްމިއްޔާތުތަކެއް ނުބާއްވަވައެވެ. އެމާތް ކާވެނިފުޅު ކޮށްދެއްވީعائشةގެފާނުގެ މާތް ބައްޕާފުޅެވެ.أبـوبكررضى اللّـه عنــهއެވެ. ކާވެނިފުޅުގެ ރަނަކީ، ފަސްސަތޭކަ ދިރުހަމެވެ. ޢާންމުގޮތެއްގައިأمّهات المؤمنينގެ ކާވެނިފުޅުގެ ރަނެއްކަމުގައިވަނީ އެ ޢަދަދެވެ.
ހިޖްރަޔަށް ވަޑައިގަތުން
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއެކަމަނާގެ ކާވެނިފުޅަށްފަހުވެސް ދެއަހަރާ ތިންމަސްދުވަހު މައްކާގައި އިންނެވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ހިޖްރަކުރެއްވުމަށް އިލާހީ އަމުރުފުޅު އައުމާއެކު، އިތުރު ސާހިބާ އެންމެފުރަތަމަވެސް ވަޑައިގަތީأبـوبكرގެފާނުގެ ގަނޑުވަރަށެވެ. ހިޖްރަކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންނެވި ޚަބަރު ދެއްވުމަށްޓަކައެވެ. އޭރުأمّ المؤمنينއާއި އެކަމަނާގެ ދައިތާފުޅުأسماءއާ ދެބީނުންأبـوبكرގެފާނުގެ އަރިހުގައި ތިއްބެވިއެވެ. "ހޮހަޅައިގެ ދެ މިތުރުން" ގެ ދަތުރުފުޅުގެ ހުރިހާކަމެއް އިންތިޒާމުކުރެއްވީأمّ المؤمنينއާއިأسماءއެވެ.
އިންސާނީ ތާރީޚު ބަދަލުކޮށްލި މަތިވެރި ހިޖްރަޔަށް، ޢާލަމްތަކަށް ކައުކުރެއްވި ސާހިބާއާއި އެކަލޭގެފާނުގެ މިތުރުأبـوبكرالصّدّيقނުކުމެވަޑައިގަތީ އަހްލު ޢިޔާލުން މައްކާގައި ބައިތިއްބަވައިފައެވެ. އެ ކުޑަކުޑަ ޤާފިލާ ދުޝްމަނުންގެ ކިބައިން ސަލާމަތްވެވަޑައިގަންނަވަމުން ދަތުރުކުރައްވައި މަދީނާއަށް އަރައިވަޑައިގަތީ، ހިޖްރައިން އެއްވަނަ އަހަރުގެ ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހުއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمމަދީނާގެ ކަންތައް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ފެންވަރަށް އިންތިޒާމު ކުރެއްވޭގޮތްވުމުން، އަހްލުބައިތުން މަދީނާއަށް ގެންނެވުމަށްޓަކައި،زيد بن حارثةއާއިأبـورافعމައްކާއަށް ފޮނުއްވިއެވެ. އެ ދެބޭކަލުންނާއެކުأبـوبكرގެފާނުވެސް އެކަލޭގެފާނުގެ އަހްލުވެރީން މަދީނާއަށް ގެންނެވުމަށްޓަކައިعبداللّـه بن أريقظފޮނުއްވިއެވެ. އެހެންކަމުން،عبداللّـه بن أبوبكرވެސް އެކަލޭގެފާނުގެ ދޮންމައިކަނބަލުންނާއި ދެ އުޚުތުން ގޮވައިގެން ކައުސާހިބާގެ އަހްލުބައިތުންގެ އަރިހުގައި މަދީނާއަށް ވަޑައިގެންނެވިއެވެ.
މިބޭބޭކައުކަނބަލުން މަދީނާއަށް ވަޑައިގެންނެވިއިރު، ކައުސާހިބާ ވަނީ އެކަލޭގެފާނުގެ މިސްކިތްކޮޅުގެ އެއްފަރާތެއްގައި ކޮޓަރިކޮޅުތަކެއް ހައްދަވަން ފައްޓަވައިފައެވެ. އެއްރިވާޔަތެއްގައި ވާގޮތުން ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ދެދަރިކަނބަލުން ކަމުގައިވާالسّيّدة فاطمة الزّهراءއާއިالسّيّدة أمّ كلثومއާއި، އެކަލޭގެފާނުގެ އަނބިކަނބަލުންأمّ المؤمنينالسّيّدة سودة بنت زمعةބޭލުއްވީ އެ ކޮޓަރިކޮޅުތަކަށެވެ. އަނެއް ދެ ރިވާޔަތުގައި ވަނީ އަހްލުބައިތުން އެންމެފުރަތަމަ ފައިބައިވަޑައިގަތީأبو أيّوبގެ ގެކޮޅަށްކަމަށާއި،حارثة النّعمانގެ ގެކޮޅަކަށް ކަމުގައެވެ.عائشةގެފާނު ވަޑައިގަތީ އެކަމަނާގެ އަހްލުވެރިންނާއެކު ބަނޫ ޙާރިޘު ބިން ޚަޒްރަޖުގެ އަވަށުގައިހުރި ގެއަކަށެވެ. އެގޭގައިأمّ المؤمنينދުވަސްކޮޅަކު އިންނެވިއެވެ.
މުހާޖިރުން މަދީނާއަށް ވަޑައިގެންނެވިތާ ކުރީކޮޅު، މަދީނާގެ އާބުހަވާ އެބޭކަލުންނާ މާއެކަށީގެންވާ ކަމަކަށް ނުވެއެވެ. އެހެންކަމުން ވަރަށްގިނަ ބޭކަލުންނަށް "މަދީނާގެ ހުން" ޖެހިވަޑައިގެންނެވިއެވެ. އެ އާލާސްކަންފުޅުأمّ المؤمنينއަށްވެސް ޖެހިވަޑައިގަތެވެ. އާލާސްކަންފުޅު ފަސޭހަފުޅުވީއިރު، އެކަމަނާގެ އިސްތަށިފުޅުގެ ހުރިހާ އިސްތަށިކޮޅުތައްވެސް ވަނީ ވެރިފައިކަމަށް ބުނެވެއެވެ.
ކައުސާހިބާގެ ގަނޑުވަރުގައި
أمّ المؤمنينމަދީނާގެ ހުމުގެ އާލާސްކަންފުޅުން މުޅީން ފަސޭހަފުޅުވުމުންأبـوبكررضى اللّـه عنــهއިތުރު ސާހިބާގެ އަރިހުން އެކަލޭގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނުގެ ގަނޑުވަރަށް ނުގެންދެވުމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ އަތްޕުޅުގައި ކާވެނިފުޅުގެ ރަން އަދާކުރައްވާނެ ފައިސާ ނެތުމުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. އެއަށްފަހު ފަސްސަތޭކަ ދިރްހަމް ދަރަންޏަށް ހޯއްދަވައިأمّ المؤمنينގެ އަރިހަށް ފޮނުއްވިއެވެ. ޝައްކެއްނެތްގޮތުގައި، މިއީ އަނބީންނަށް ކާވެނީގެ ރަން ދިނުމުގެ މުހިންމުކަން އެކަލޭގެފާނުގެ އުންމަތަށް ދެއްކެވި ދެއްކެވުމެކެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއިތުރު ސާހިބާގެ ގަނޑުވަރަށް ވަޑައިގަތީ ޢާއްމު ތާރީޚު ޢިލްމުވެރިން ވިދާޅުވާގޮތުގައި، އެކަމަނާގެ އުމުރުފުޅުން ނުވައަހަރުފުޅުގައެވެ. ނަމަވެސް، މިޒަމާނުގެ ބަޔެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، އޭރު އެކަމަނާގެ ޢުމުރުފުޅުން ގާތްގަނޑަކަށް ފަނަރައަހަރުފުޅެވެ. ނުވަތަ ނަވާރަ އަހަރުފުޅެވެ. (މުސަލްމާނޫންކީ މާއީން، ރާޒިޤުލްޚައިރީ، އައްޞިއްދީޤާ ބިންތު އައްޞިއްދީޤު، ޢައްބާސް މަޙްމޫދު އަލްޢައްޤާދު، އުއްމަހާތުލްމުއުމިނީން، ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު)
أمّ المؤمنينވަޑައިގެންނެވި ގަނޑުވަރަކީ ޢާލަމްތަކަށް ކައުކުރެއްވި ސާހިބާގެ ގަނޑުވަރެވެ. ނަމަވެސް އެއީ ޢާއްމު ލޯތަކަށް މާ ހައިބަތުހުރި ފައްކާ އުސް ގަނޑުވަރެއް ނޫނެވެ. އެއީ ނައްޖާރުވަންހައިގެ މީހުން ދިރިއުޅޭ އަވަށުގައިالمسجد النّبـوىގެ އެއްފަރާތެއްގައިހުރި ކުދިކުދި ކޮޓަރިކޮޅުތަކުގެ ތެރެއިން ކޮޓަރިކޮޅެކެވެ. އެ ކޮޓަރިކޮޅު ހުރީالمسجد النّبـوىގެ އިރުމަތީފަރާތުގައެވެ. އެއްދޮރުކޮޅު ހުޅުވެނީ ސީދާ މިސްކިތްކޮޅުގެ ތެރެއަށެވެ.
ކޮޓަރިކޮޅުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ހަމުށް ނުވަތަ ހަތްމުށެވެ. ފާރު ރާނައިފައި ހުރީ މަށިންނެވެ. ފުރާޅު ހިޔާކޮށްފައިހުރީ ކަދުރުރުކުގެ އޮއްޓާއި ފަނުންނެވެ. ވާރޭ ހިޔާކުރުމަށްޓަކައި ފަންތަކުގެ މަތީގައި ސުތުލިފަދަ އެއްޗަކުން ވިޔެފައިއޮތް ބޯފޮތިގަނޑެއް ފަތުރައިފައި އޮތެވެ. އުސްމިނަކީ، މީހަކު އަތްމައްޗަށް ދަމައިލުމުން ފުރާޅަށް އަތްފޯރާވަރެވެ. ގަނޑުވަރުގެ އަހުލުވެރިންގެ އަތްޕުޅުގައި ބައްތި ދިއްލެވޭފަދަ ތަނަވަސްކަން ނެތުމުގެ ސަބަބުން، ސާޅީހަކަށް ރެއިން އެއްރޭ މެނުވީ އެ ނޫރާނީ ކޮޓަރިކޮޅުގައި ބައްތިއެއް ނުދިއްލެއެވެ.
ގެ ހިންގެވުމާބެހޭ މާބޮޑު ކާރުބާރެއް ނޯވެއެވެ. ފަރީއްކޮޅު ކައްކަވަން ޖެހިވަޑައިގަންނަވަނީ ދާދި މަދުފަހަރަކުއެވެ. މާތް ނަބިއްޔާގެ ޢާއިލާގެ ބޭފުޅުންނަށް ބަނޑުހައިފުޅުކަން ފިލާވަރަށް ދެތިންދުވަހުން އެއްދުވަހުވެސް ފަރިއްކޮޅު ލިބިވަޑައެއް ނުގަނެއެވެ. ބަދިގެކޮޅަށް އަލިފާން ނުލައްވައި މަސްދުވަސް ފާއިތުވަނީ މަދެއްކޮށެއް ނޫނެވެ. ޚައިބަރު ފަތަޙަވުމުން، ކައުސާހިބާގެ އަނބިއަނބިކަނބަލުންނަށް މަހުއެއްޗެތިކޮޅު ލިބިވަޑައިގަނެއެވެ. ކޮންމެ ބޭކަނބަލަކަށް އަހަރަކު 80 ވަސްޤު ހިކި ކަދުރާއި، ވިހި ސާޢުގެ ގޮދަނެވެ. ނަމަވެސް ދީލަތިފުޅުކަމާއި އަނެކުންނަށްޓަކައި ޤުރްބާންވެވަޑައިގަތުމުގެ ސަބަބުން، އެތަކެތިން އަހަރު ދުވަހަށް ފުދޭވަރާ ކައިރިވެސް ނުވެއެވެ.
ކައުސާހިބާصلّى اللّـه عليهوسلّمގެ ގަނޑުވަރުގެ ކަންތައްތައް ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނަވަނީبلال رضى اللّـه عنــهއެވެ. "މަހުއެއްޗެތިކޮޅު" ބައްސަވައިދެއްވައި، ބޭނުންފުޅުވެއްޖެ ހިނދެއްގައި ބޭރުން ދަރަންޏަށް އެއްޗެތި ނަންގަވައިދެއްވައި ހައްދަވަނީ އެކަލޭގެފާނެވެ. ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެ ވަޑައިގެންނެވިއިރު ޢަރަބިކަރަ ވަނީ ފަތަޙަވެފައެވެ. ހުރިހާ އަތޮޅުތަކުން ބައިތުލްމާލަށް ތަކެތި އާދެއެވެ. ނަމަވެސް، ޢާލަމްތަކުގެ ސާހިބާالـرّفيـق الأعلـىގެ ޙަޟްރަތަށް ދަތުރުކުރެއްވި ދުވަހުأمّ المؤمنينގެ ގަނޑުވަރުގައި އެދުވަހު ފަރިއްކުޅުއްވާނެ އެއްޗެއްވެސް ނެތެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ބައްޕާފުޅުأبـوبكررضى اللّـه عنــهއަކީ މައްކާގެ އެންމެ ޤަދަރުހުރި އެއްވިޔަފާރިވެރިއެކެވެ. އެހެންކަމުން،أمّ المؤمنينމާތްރަސޫލާގެ ގަނޑުވަރަށް ވަޑައިގަތުމުގެ ކުރިން އުޅުއްވަމުން ގެންދެވީ ނުހަނު އަރާމާއި ނިޢުމަތުގައެވެ. ވަރަށް ތަނަވަސް، ފަސޭހަ ދިރިއުޅުއްވުމެއްގައެވެ. ނަމަވެސްأمّالمؤمنينކައުސާހިބާގެ ގަނޑުވަރުގައި އުޅުއްވަމުން ގެންދެވީ، ފިރިކަލުންނަށް ފުރިހަމައަށް ޚިދުމަތް ކޮށްދެއްވައި، ނިހާޔަތުގެ ލޯބިފުޅާއި މިސާލެއް ނެތްފަދަ ކިޔަމަންތެރިކަން ދައްކަވަމުންނެވެ. އެއްވެސްކަހަލަ ޝަކުވާއެއް ކުރެއްވުމެއް ނެތިއެވެ. ގޮދަން ސާފުކުރެއްވުމާއި، ފުށް މުގުރުއްވުމާއި، ރޮށި ފިއްސެވުމާއި މިބާވަތުގެ ހުރިހާ ކަމެއް ކުރައްވަނީأمّ المؤمنينގެ އަތްޕުޅުންނެވެ. މާތް ރަސޫލާ ވުޟޫކުރެއްވުމަށްޓަކައި ފެންފޮދު ގެންގޮސްދެއްވައެވެ. މާތްރަސޫލާގެ ތާހިރު އިސްތަށިފުޅުގައި، ފުނާކޮޅު ތުރުކޮށްދެއްވައެވެ. އެކަލޭގެފާނުގެ ފޭރާންކޮޅުތައް ދޮންނަވައެވެ. މާތް ރަސޫލާގެ ގަނޑުވަރަށް މެހުމާނަކު އަތުވެއްޖެނަމަ، އެމީހަކަށްވެސް ޚިދްމަތް ކޮށްދެއްވައެވެ. މާތް ރަސޫލާގެ އަރިހުގައި ހޭދަކުރެއްވި ގާތްގަނޑަކަށް ނުވައަހަރު ދުވަހުގެ ތެރޭގައި އެކަލޭގެފާނުގެ އެއްވެސް އަމުރުފުޅަކަށް ކުޑަވެސް ފަސްޖެހިވަޑައިގަތުމެއް، ނުކިޔަމަންތެރިކަމެއް ދައްކަވައިފައެއް ނުވެއެވެ.
(ނުނިމޭ)