12 Apr 2011, 20:26
"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫއު ތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ މާލޭގެ ބިންތައް، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އަދި ވަކިތަނަކާ ހަވާލުނުކުރެވި ހުރި ހުރިހާ ބިމެއްވެސް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް މިއަދުގެ ޖަލްސާއިން ނިންމެވީ މާލޭ ސިޓީ ކައުންސިލުގެ މައިގަނޑު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
"ވެށިފަހި މާލެ" ޕްރޮގްރާމް، މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހިންގުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ކަނޑައެޅުއްވައިފަ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ވެށި ފަހި މާލެ ޕްރޮގްރާމަކީ ވެރި ރަށް މާލޭގެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދައި ދިނުމަށް ނޮވެމްބަރު 10، 2010 ގައި ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލޭގެ ގޯއްޗަށް އެދުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ފޯމު ވަނީ ހުށަހަޅައިފަ އެވެ.