29 Dec 2015, 00:16
އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ)ގެ ތައުލީމާ ސައިންސާ ސަގާފަތާ ބެހޭ ޖަމިއްޔާ އިސްލާމިކް އެޑިއުކޭޝަން ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އިން ހޮވި، 2016 ވަނަ އަހަރުގެ އިސްލާމީ ސަގާފީ ވެރިރަށްތަކުގެ ތެރޭގައި ރާއްޖޭގެ ވެރިރަށް މާލެ ނޮމިނޭޓް ވެއްޖެ އެވެ.
އިސެސްކޯ އިން ކަނޑައަޅާ އިސްލާމީ ސަގާފީ ވެރިރަށުގެ މަގާމަށް އޭޝިއާ ސަރަހައްދުން ނޯމިނޭޓް ވެފައި ވަނީ ރާއްޖެ އެކަންޏެވެ. ރާއްޖެ އެމަގާމަށް ނޯމިނޭޓްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އުމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވި އިސެސްކޯގެ ސަގާފަތާ ބެހޭ މިނިސްޓަރުންގެ ކޮންފަރެންސްގައެވެ. އެމަގާމަށް އޭޝިއާ ސަރަހައްދުން ރާއްޖެ ނޮމިނޭޓްވެފައި ވާއިރު އަރަބި ގައުމުތަކުގެ ތެރެއިން ނޯމިނޭޓްވެފައި ވަނީ ކުވައިތުގެ ވެރިރަށް ކުވައިތު ސިޓީއެވެ. އަދި އެފްރިކާ ސަރަހައްދުން ނޮމިނޭޓްވެފައި ވަނީ ސިއެރަލިއޯންގެ ފްރީޓައުންއެވެ.
އިސެސްކޯގެ ސަގާފީ ވެރިރަށުގެ ގޮތުގައި ހޮވޭ ރަށެއްގައި އެޖަމާއަތުން ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އެގޮތުން ހިންގާނީ ސައިންސާއި ސަގާފަތާއި ތައުލީމާ ގުޅޭ ހަރަކާތްތަކެކެވެ.