ޓްރިވަންޑްރަމް (28 ޑިސެމްބަރު):ފޯކަސް ހުރީ ސެމީފައިނަލަށް ކަމަށާއި ސީނިއާ ގިނަ ކުޅުންތެރިންނަށް ރެސްޓް ދިނުމަށްފަހު ގިނަ އަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނީ ސެމީ ފައިނަލަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ގައުމީ ކޯޗް ރިކީ ހާބަޓް ބުނެފި އެވެ.

ސާފް ސުޒުކީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗްގައި އަފުޣާނިސްތާން އަތުން 4-1 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު އެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗް ބުނީ، އަފުގާނިސްތާނަކީ އިދިކޮޅު ޓީމަށް ޕްރެޝަރު ދީގެން ކުޅޭ ޓީމެއް ކަމަށާއި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން މެޗަށް ނެރުނީ ވަރުގަދަ މެޗެއްގައި ކުޅުންތެރިންނަށް ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

"އަހަރެން މި މަސައްކަތް ކުރަނީ ރާއްޖޭގައި ވަރުގަދަ ޒުވާން ޓީމެއް ބިނާ ކުރުމަށް. އެހެންވެ ޕްރޮފެޝަނަލް ވަރުގަދަ މެޗްތަކުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދޭން ޖެހޭ. އެއީ ރާއްޖޭގެ ކުރިމަގުގެ ފުޓްބޯޅައަށްޓަކައި މުހިންމު މަސައްކަތެއް،" ހާބަޓް ބުންޏެވެ.

ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ)، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި 75 ވަނަ މިނެޓްގައި ކުޅެން އެރުވުމާ ބެހޭގޮތުން ކޯޗް ބުނީ ދަގަނޑޭއަށްވެސް ރެސްޓް ދިނީ ސެމީ ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ސެމީ ފައިނަލުގައި އިންޑިއާ ދެކޮޅަށް ނިކުންނަން ޖެހޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޯޗް ބުނީ، އިންޑިއާއަކީ ޒުވާން ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ރާއްޖެއާ އިންޑިއާ ކުޅޭ ސެމީފައިނަލް މެޗް އޮންނާނީ މިއަންނަ ބުރާސް ފަތި ދުވަހު ރާއްޖޭ ގަޑިން 3:00 ގައެވެ.