ނ. އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގު ބޮޑު މުބާރާތް 'ސިޔާމް މައުރޫފް ސޮކަ ކަޕް' ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކެނދިކުޅުދޫގެ މައްޗަށް ހޮޅުދޫ އިން ކުރި ހޯދީ 0-2ގެ ނަތީޖާ އަކުންނެވެ.

މުބާރާތް ބާއްވާ ރަށް ކަމަށްވާ ކުޑަފަރީ ބޯޅަ ދަނޑުގައި ކުޅުނު ފޯރި ގަދަ އެ މެޗުގައި ފުރަތަމަ ހާފްގަ އެއްވެސް ގޯލެއް ކާމިޔާބު ކުރެވިފައިނުވާ އިރު މެޗުގައި ހޮޅުދޫއިން ކާމިޔާބު ކުރި ދެ ގޯލް ވެސް ފެނިގެން ދިޔައީ ފަހު ހާފުގެ ފަހު ވަގުތު ކޮޅުގައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ހޮޅުދޫއަށް ލީޑުނަގައި ދިނީ މެޗުގެ 71 އެއް ވަނަ މިނެޓްގަ އެވެ. އަދި އެ ޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިން ގޯލް މެޗު ނެމެންދަނިކޮށް އެ ޓީމުން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

އެ މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޮޅުދޫގެ ޖާޒީ ނަމްބަރު 11 އިބްރާހިމް އަފްލާހު އެވެ.

ދެ ގުރޫޕް އަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތުގެ ގުރޫޕް ބީގައި ހިމެނެނީ މަގޫދޫއާއި މާޅެންދޫގެ އިތުރުން ހެނބަދޫއާއި މަނަދޫ އަދި މާފަރެވެ.

ގްރޫޕް އޭގައި ހިމެނެނީ ލަންދޫ އާއި ހޮޅުދޫ އާއި ކުޑަފަރީގެ އިތުރުން ކެނދިކުޅުދޫ އެވެ.

ޖުމުލަ ނުވަ ޓީމް ވާދަކުރާ އެ މުބާރާތަކީ ނޫނު އަތޮޅުގައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެންމެ އަގު ބޮޑު ފޯރިގަދަ މުބާރާތެވެ. ދޮޅު ލައްކަ ރުފިޔާގެ އަގުބޮޑު އެ މުބާރާތުގެ އެއް ވަނަ އަށް އަންނަ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ އިރު ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ.