28 Dec 2015, 20:51
އިނގިރޭސި ކުލަބު ފުލަމްގެ ކޯޗަކަށް ސާބިއާގެ ސްލުވިސީ ޖޯކެންއޮވިކް ހަމަޖައްފައިފި އެވެ.
މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން ފުލަމްގެ ކޯޗެއްގެ ގޮތުގައި ހުރި ކިޓް ސީމޮންސް ނޮވެމްބަރު މަހުގެ ތެރޭގައި ވަކި ކޮށްފައިވާ އިރު އޭގެ މަހެއްހާ ދުވަސް ފަހުން ޖޯކެންއޮވިކް މިއަދު ވަނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
މިދިއަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރުމަށް ފަހު 25 އަހަރު ފަހުން އެ ކުލަބު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައި ވާއިރު އެޓީމު އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ލީގުގައި ފުލަމް އިން ކުޅުނު 24 މެޗުން 23 ޕޮއިންޓް ލިބިގެން ތާވަލުގެ 18 ވަނާގައި އޮތް އިރު އެޓީމާއި އަލަށް ހަވާލުވި ކޯޗަކީ އިސްރާއިލްގެ މެކަބީ ތެލްއަވީވް އަށް ޗެމްޕިއަންސް ލީގުގައި އިރުޝާދު ދިން ކޯޗެވެ. ލީގުގައި ރަނގަޅު ކާމިޔާބީއެއް ހޯދި ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން އެޓީމަށް ޗެމްޕިއަންސް ލީގުގައި ވަނީ ރަނގަޅު ކާމިޔާބީ އެއް ނުލިބި ކަޓާފައެވެ.
މިއަހަރުގެ ޖޫން މަހު މެކަބީ ތެލްއަވީއާ ހަވާލުވި ޖޯކެންއޮވިކް ފުލްމަގެ ކޯޗަކަށް ބަދަލުވުމުގައި އެ ޓީމުން ވަނީ ފީ އެއް ގެ ގޮތުގައި 36700 ޕައުންޑް ތެލްއަވީވަށް ދައްކާފަ އެވެ.
ފުލަމްގެ ޗެއާމަން ޝާހިދު ޚާން ބުނީ އޭނާ އަމިއްލަ ގޮތުން ވެސް ވަރަށް ގިނަ ކޯޗުންނާއި އިންޓަވިއު ކުރި ކަމަށާއި ޖޯކެންއޮވިކްއަކީ އެ ޓީމަށް ރަނގަޅު ކާމިޔާބީ ތަކެއް ހޯދަދެވޭނެ ފަދަ ކޯޗެއް ކަމަށެވެ.
ޖޯކެންއޮވިކް ގެ އިރުޝާދުގެ ދަށުން އެ ޓީމު ފުރަތަމަ ކުޅޭ މެޗުގައި މާދަމާ އަމިއްލަ ދަނޑުގައި ނިކުންނާނީ 21 ވަނާގައި އޮތް ރޮތަހަމްއާ ދެކޮޅަށެވެ.