އެމްޑީޕީ ސަރުކާރު އައުމުގެ ކުރިން ބޭންކް މެދުވެރިނުކޮށް މަނީ ޓްރާންފާގެ ގޮތުގައި 2008 ވަނަ އަހަރު 104 މިލިޔަން ޑޮލަރު ރާއްޖެ އިން ބޭރުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މާލިއްޔަތު ކޮމިޓީއަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ހުށަހަޅުއްވަމުން އިލްޔާސް ލަބީބު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ބޭންކް މެދުވެރިނުކޮށް ރާއްޖެ އިން ޑޮލަރު ބޭރުކޮށްފައިވާ މައްސަލަތައް ބަލަންޖެހޭ ކަމަށާއި އެއީ "ހިޔާނާތުގެ" ގޮތުގައި ބޭރުކޮށްފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ ފައިސާ ބޭރުކޮށްފައިވާ ތަނަކާއި އެ ފައިސާ ބޭރުކޮށްފައިވާ ބޭނުމެއް އެނގެން ޖެހޭ ކަމަށާއި އެއީ ތަހުގީގުކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެހާސް ފަސް ވަނަ އަހަރު 17.8 މިލިޔަން، 2006 ވަނަ އަހަރު 31.8 މިލިޔަން، 2008 ވަނަ އަހަރު 104.6 މިލިޔަން، 2009 ވަނަ އަހަރު 54.5 މިލިޔަން، އަދި 2010 ވަނަ އަހަރު 58 މިލިޔަން، ޓްރާންސްފާގެ ގޮތުގައި ރާއްޖެ އިން ބޭރުކޮށްފައިވޭ. ދެހާސް އަށްވަނަ އަހަރަކީ ވެރިކަން ބަދަލުވި އަހަރު. އެއަހަރު އެހާ ތަފާތު ބޮޑު އަދަދެއްގެ ޑޮލަރު ބޭރުކޮށްފައިވާ ކަމަށް ބެލެވެނީ، އެމްޑީޕީން ވެރިކަމާ ހަވާލުވުމާއި ކުރީގެ ވެރިކަން ނިމުމާ ދޭތެރޭގައި. އެހެންކަމުން އެ މައްސަލަ ބަލަން އެބަޖެހޭ،" އިލިޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރު ކުރެވުނު ޑޮލަރުގެ އަދަދު އެފަދަ ގޮތަކަށް ހުރި ނަމަވެސް ރާއްޖެ އަށް އެތެރެ ވެފައިވާ ޑޮލަރުގެ އަދަދު އެ އަހަރުތަކުގައި އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ރާއްޖެ އެތެރެ ވެފައިވާ އަދަދު ތަކަށް ބަލާއިރު، 2005 ގައި 1.5 މިލިޔަން، 2006 ގައި 1.9 މިލިޔަން، 2007 ގައި 3.1 މިލިޔަން، 2008 ގައި 3.2 މިލިޔަން، 2009 ގައި ދެ މިލިޔަން އަދި 2010 ގައި 1.6 މިލިޔަން އެތެރެ ވެފައިވާ ކަމަށް ހިސާބުތަކުން ދައްކާ." އޭނާ ވިދާޅުވި އެވެ.