28 Dec 2015, 21:43
ރިޔާޛް (ޑިސެމްބަރ 28): ފަހުގެ ތާރީހެއްގައި ސައުދީ އަރަބިއާގައި ހިންގި އެންމެ ބޮޑު މަސްތުވާތަކެތި ހޯދުމުގެ އޮޕްރޭޝަންގައި އެގައުމުން ފަސް މިލިއަން އެމްފްޓަމިން ޓެބްލެޓް އަތުލައިގަނެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ބުނެފި އެވެ.
އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ވިއްކަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ނުވަ ސައުދީ ރައްޔިތުންނާއި ސޫދާނަށް ނިސްބަތްވާ ދެ ރައްޔިތަކު ހައްޔަރު ކޮށްފައިވާ ކަމަށް ސައުދީ އިންޓީރިއާ މިނިސްޓްރީގެ ސެކިއުރިޓީ ތަރުޖަމާނު ވިދާޅުވި އެވެ.
އެމްފެޓަމިންގެ އިތުރުން ތިން ގްރާމް ހެރޮއިންއާއި މެޝިން ބަޑިއަކާއި ފިސްތޯލައެއް ވެސް ތުހުމަތު ކުރެވޭ މީހުންގެ އަތުން ހޯދާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް މޮނީޓާ ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ސަލާމަތީ ޓީމަކުންނެވެ. އެޓީމުން ތުހުމަތު ކުރެވޭ ފަރާތްތައް ވަށާލުމަށް ފަހު އެމީހުން ހައްޔަރު ކުރީ މަސްތުވާތަކެއްޗާ އެއްކޮށެވެ.
ސައުދި އަރަބިއާ އަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ މަރުގެ އަދަބު ދެވޭ ކުށެކެވެ.
ސައުދި އަރަބިއާ އިން މިދިޔަ ހިޖުރީ އަހަރުގެ ތެރޭގައި 22.4 މިލިއަން އެމްފެޓަމިން ޓެބްލެޓާއި 28.8 ޓަނުގެ ކެނަބިސްއާއި 26.2 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީ އިން މިދިޔަ މަހު އިއުލާން ކޮށްފައިވެ އެވެ. (އޭއެފްޕީ)