28 Dec 2015, 17:22
ރާއްޖެއާ ދެކޮޅަށް މިއަދު ނުކުންނަނީ އަފުޣާން އަތުން ބަލިނުވެ ރާއްޖެއިން ދަމަހައްޓަމުން އަންނަ ރެކޯޑަށް ނިމުން ގެންނަން ކަމަށް އަފުގާނިސްތާންގެ ކޯޗް ޕީޓާ ސެގެޓް ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގެ ގުރުޕް 'ބީ'ގެ ފަހު މެޗުގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅެން ނުކުންނަ މެޗަށް ދަނޑަށް އައިސް މީޑިއާގައި ވާހަކަ ދައްކަމުން އަފުގާނިސްތާން ކޯޗް ބުނީ އަފުޣާން އެންމެ ފަހުން ކުޅުނު ތިން މެޗްގައި ވެސް ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާ ކަމަށާއި މިއީ އޭނާގެ ހެޑް ކޯޗް ކަމުގެ ހަޔާތުގައި ވެސް އަދި އަފުގާނިސްތާންގެ ހަޔާތުގައި ވެސް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ.
އޭއެފްސީ ޗެލެންޖު ކަޕުގެ ތިން ވަނަ ހޮވި މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅެ، 1-1 ނަތީޖާއަކުން އެއްވަރުމުން އެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ރާއްޖެއިން އެފަހަރު ކާމިޔާބު ހޯދި އެވެ.
އަފްގާނިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އަހަރު، 2013 ވަނަ އަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު އެއްވަރުވީ 0-0 ނަތީޖާއަކުންނެވެ. ނަމަވެސް މީގެ ހަ އަހަރު ކުރިން 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނީ އަފްގާނިސްތާން 1-3 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އަދި 2005 ވަނަ އަހަރު ރާއްޖެއިން ވަނީ އަފްގާނިސްތާން ކޮޅަށް ލަނޑު ގޯންޏެއް ޖަހާފަ އެވެ. އަހުމަދު ތާރިގު (ޓޮމް)ގެ ހެޓްރިކާއެކު ރާއްޖެ އެ މެޗު ކާމިޔާބު ކުރީ 1-9 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗަށް އަފުޣާންގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު މިއަދު ބުންޏެވެ. ރާއްޖެއަކީ މުބާރާތުގައި ވާދަ ކުރާ ވަރުގަދަ ޓީމު ތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށްވުމުން ރާއްޖެއާއެކު ކުޅެން އުނދަގޫ ވާނެ ކަމަށް ސާގެޓް ފާހަގަ ކުރިއެވެ.
"ގިނަ ބަޔަކަށް ނޭންގެ ފާހަގަ ކުރެވޭނެ ކަމެއް. އަހަރުމެން އަދި ރާއްޖެ އަތުން މޮޅުވެފައެއް ނެތް. އެހެންވެ މިއަދު އަހަރެމެން މިނުކުންނަނީ އެ ޓީމު ފުރަތަމަ ފަހަރަށް ބަލި ކުރަން،" ސާގެޓް ބުންޏެވެ.