މާލޭ ސްކޫލުތަކުގެ ދަރިވަރުންގެ ހެލްތު ސްކްރީނިން ހެދުމުން ސިއްހަތު ރަނގަޅު ކުދިންގެ ޕަސެންޓޭޖް އެންމެ ގިނައީ ދަރުމަވަންތައް ސްކޫލާއި ކެންގަރޫ ކިޑްސްގައި ކަމަށް ނަތީޖާތަކުން ދައްކައިފި އެވެ.

އެ ނަތީޖާއިން ދައްކާ ގޮތުން ޣިޔާސުއްދީން ސްކޫލަކީ އެންމެ ބަރުދަން ލުއި ކުދިން ތިބި ސްކޫލެވެ.

ގްރޭޑް އެކެއްގެ ހެލްތު ސްކްރީނިން ރިޕޯޓު އާންމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިރު ވިދާޅުވީ މާލޭގެ ސްކޫލުގެ ގްރޭޑް އެކެއްގެ ކުދިންގެ ތެރެއިން ރަނގަޅު ސިއްހަތެއްގައި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ރަނގަޅަށް ހުރީ 41 ޕަސެންޓު ކުދިން ކަމަށެވެ.

ގްރޭޑް އެކެއްގެ ދަރިވަރުންގެ ތެރެއިން 37 ޕަސެންޓު ދަރިވަރުންނަކީ ބަރުދަން ހުންނަން ޖެހޭވަރަށްވުރެ ލުއި ކުދިން ކަމަށް އޭނާ ބުންޏެވެ.

"މާލޭގެ ސްކޫލުތަކުގެ ސްކްރީން ހެދި ކުދިންގެ ތެރެއިން 775 ކުދިންނަކީ އަންޑަވެއިޓް ކުދިން. އެއީ 37 ޕަސެންޓު. އަދި 22 ޕަސެންޓު ކުދިންނަކީ ހުންނަން ޖެހޭ ވަރަށްވުރެ ބަރު ކުދިން،" ޝާހިރު ވިދާޅުވިއެވެ.

ބަރުދަން ލުއިވުމާއި އާދަޔާ ހިލާފަށް ފަލަ ކުދިންގެ އަދަދު ގިނައީ ފިރިހެން ކުދިންގެ ތެރޭގަ އެވެ. ނަމަވެސް ސިއްހަތު ރަނގަޅު ކުދިންގެ އަދަދު ގިނައީ އަންހެން ކުދިންނެވެ.

މާލޭގައި ގްރޭޑް އެކެއްގައި މިއަހަރު ކިޔެވި 2،104 ދަރިވަރުންގެ ހެލްތު ސްކްރީނިން ވަނީ ހަދާފަ އެވެ. އެގޮތުން މާލޭގެ 17 ސްކޫލުގެ ތެރެއިން 16 ސްކޫލެއްގައި ވަނީ ހެލްތު ސްކްރީނިން ހަދާފަ އެވެ.

ހެލްތު ސްކްރީނިން ހަދާފައި ނުވަނީ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް އެކެއްގެ ދަރިވަރުން ކަމަށް ޝާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ސްކޫލުގެ ސްކްރީނިން ހަދާފައި ނުވަނީ އެހެން ބަޔަކު ހެލްތު ސްކްރީންކޮށްފައިވުމުން ކަމަށެވެ.