28 Dec 2015, 16:16
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ރާވާލައިގެން ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި މިއަދު ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން މުޙައްމަދު އަންވަރު އާއި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރައްވައި އިމިގްރޭޝަނާއި ފުލުހުންގެ އިސްވެރިން ބައްދަލުކޮށް މަސައްކަތްތައް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ފަހު ވީއެންމެ އަވަހަކަށް ޢަމަލީ މަސައްކަތްތަކެއް ފެށުމަށް ވަނީ ނިންމައިފަ އެވެ.
ރަސްމީ ލިޔުމެއް ނެތި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި އެމީހުންގެ ގައުމަށް ފޮނުވާލުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ފުލުހުންނާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެނިހެން ބައެއް މައްސަލަތަކާމެދު ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.