28 Dec 2015, 16:00
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ އިސްތިއުނާފު މަސަލާގައި ދެ މީހެއްގެ ހެކިބަސް މިއަދު ނަގައިފިއެވެ.
އަޑުއެހުން ސިއްރުކޮށްގެން މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ހެކިބަސް ނަގާފައި ވަނީ ކެޕްޓަން އަލީ އިހުސާނުއާ ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ދަބަހުގައި އޮތް ޕެންޑްރައިވްގެ ފޮރންސިކް ރިޕޯޓު ތައްޔާރު ކުރި އަމީން އަބްދުލް ގައްޔޫމު ގެ ހެކިބަސް ކަން އެނގިފައިވެ އެވެ.
މީގެކުރިން ކްރިމިނަލް ކޯޓުގެ ޝަރީއަތުގައިވެސް އަމީން އަބްދުލްގައްޔޫމު ވަނީ ފޮރންސިކް ރިޕޯޓާ ބެހޭގޮތުން ހެކިބަސްދީފަ އެވެ.
އިއްޔެ ބޭއްވި އަޑު އެހުމުގައި ދައުލަތުން އެދިފައިވަނީ ސިއްރު ލިޔުމާ ބެހޭގޮތުން ކުރިއަށްގެންދިޔަ އަޑުއެހުން ސިއްރުކޮށްދިނުމަށެވެ. ނަމަވެސް ހެކިބަސް ނެގި އަޑިއެހުންވެސް މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.
ނާޒިމްގެ މައްސަލާގައި އިއްޔެވެސް ވަނީ ތިން އަޑު އެހުމެއް ބާއްވާފަ އެވެ. އެއީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި ދެ އަޑު އެހުމާއި ސިއްރުން ބޭއްވި އަޑުއެހުމެކެވެ. އިއްޔެ ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގައިވެސް ދައުލަތުން ހުށަހެޅި ސިއްރު ލިޔުން ބަލައިގަތުމާ މެދު ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ. މިއަދު ބޭއްވި އަޑުއެހުމުގައިވެސް އެލިޔުމާ ބެހޭގޮތުން ވާހަކަ ނުދައްކާކަން ވަނީ އެނގިފަ އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ.