އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މީގެ ކުރިން ފްލައިޓްތައް ޖައްސާފައި ނުވާ ވަރަށް މިއަދު ފްލައިޓްތައް ޖައްސައިފި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިއަދު އެއްވަގުތެއްގައި އައިއެންއައިއޭގައި 30 ފްލައިޓް ޖައްސާފައި އޮތް ކަމަށެވެ. އެއީ މީގެ ކުރިން އައިއެންއައިއޭއަށް ފްލައިޓް ޖައްސާ މަޑުކޮށްފައިނުވާ އަދަދެކެވެ. އޮފިޝަލް ވިދާޅުވީ އޭގެ ތެރޭގައި މަތީ ފަންތީގެ ޓޫރިސްޓުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތައް ވެސް ހިމެނޭ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން އެ ފްލައިޓްތައް ޑައިވާޓް ކުރަން ޖެހެނީ މާމިގިއްޔަށް ނުވަތަ ލަންކާއަށް. ނަމަވެސް އާ އޭޕްރަންއާ އެކު އަޅުގަނޑުމެންނަށް އެ ފްލައިޓްތައް ބަހައްޓާނެ ޖާގަ ލިބުނީމަ މިއަދު މީގެ ކުރިން ފްލައިޓްތައް މަޑުކޮށްފައި ނުވާ އަދަދަކަށް މަޑުކޮށްފި،" އޮފިޝަލް ވިދާޅުވި އެވެ.

މިދުވަސްވަރަކީ ޓޫރިޒަމްގެ ހައިސީޒަން އަށްވާ އިރު އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް އެފަދަ ޖެޓްތައް ވަރަށް ގިނައިން ރާއްޖެ އަށް އަންނަ ކަމަށެވެ. ނަމަވެސް އެ ޖެޓްތައް އައިއެންއައިއޭގައި ޕާކްކޮށްފައި ނުބެހެއްޓެނީ އެއާޕޯޓުގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށް އާދިލް ވިދާޅުވި އެވެ.

އާދިލް ފާހަގަކުރެއްވި ގޮތުގައި ބޮޑަތި މުއްސަނދިން އަންނަ އެފަދަ ޖެޓްތައް ޕާކްނުކުރެވޭތީ މީގެ ކުރިން އެމީހުންގެ ދަތުރުތައް ކެންސަލް ވެސް ކުރެ އެވެ. ނަމަވެސް މިހާރު އެ މައްސަލައަށް ހައްލެއް ލިބިފައި ވާތީ އެ ޖެޓްތައް ޕާކްކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް އެމްއޭސީއެލްއަށް އާމްދަނީ ލިބޭނެ އެވެ.

"މިއީ ހަމައެކަނި އެމްއޭސީއެލް އަކަށް ނޫން ސަރުކާރަށް ވެސް ރިސޯޓްތަކަށް ވެސް އަދި އެފަދަ ޖެޓްތައް އޮޕަރޭޓް ކުރާ ފަރާތްތަކަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް މިއީ. އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ޓޫރިޒަމް ހަމަ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށް،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓްގައި އާ ރަންވޭ ހެދުމުގެ މަސައްކަތް ވެސް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާއިރު، މިއަދު ޗައިނާގެ އެގްޒިމް ބޭންކުން ވަނީ ރާއްޖެއަށް 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.