ރާއްޖޭގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އ.ދގެ ބައިނަލްއަގްވާމީ އިންސާނީ ވަގުފާރި ހުއްޓުވުމާއި، އެފަދަ ކުށްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމާއި އަދި އިންސާނީ ވަގުފާރީގެ ޝިކާރައަށްވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ރާއްޖެއިން ތަންފީޒުކުރުމާ ބެހޭ ގަރާރުގައި ސޮއިކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ދުންޔާ ވިދާޅުވީ އިންސާނީ ވަގުފާރި ހުއްޓުވަން މިހާރު ވެސް ގިނަމަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އދ. ން 2003 ވަނަ އަހަރު ތަންފީޒު ކުރި މި މުއާހަދާގައި ރާއްޖެ އިން ބައިވެރިވީ 2013 ވަނަ އަހަރު އެވެ.

އެގޮތުން އިންސާނީ ވަގުފާރި ހުއްޓުވުމާ ބެހޭ ގާނޫނު ތަސްދީގުކޮށްފައިވާކަމާއި، އެމަސައްކަތުގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި މިކަމަށް ނާޒުކު އެހެނިގެން ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމާ ބެހޭ ގާނޫނު ތަސްދީގުކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ.

ވަގުފާރި ހުއްޓުވުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މައްސަލަތައް ބެލުން އަވަސްކުރުމާއި، ކުށްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ކަމާބެހޭ ފަރާތްތަކުން އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށެވެ.

"ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވުމާ އެކު އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާނޭފަދަ ފަރާތްތައް ދެނެގަތުމުގައި ކުރާ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.