12 Apr 2011, 19:10
އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރެއް ކަމަށްވާ މުހައްމަދު ޝަފީއުގެ ނަން ވެރިކަން ކުރާ އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިވާކަން ހާމަވެއްޖެ އެވެ.
އޭސީސީގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނުގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެންނުވާނެ އެވެ.
ސަން އޮންލައިނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލިއިރު ހއ. އިހަވަންދޫ، ވައިޖެހޭގޭ، މުހައްމަދު ޝަފީއު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފަ އެވެ. އަދި ނޫހުގެ ފަރާތުން ޝަފީއުއާ ގުޅުމުން އޭނާ ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ވިދާޅުވީ އެއީ އޭނާ އަށް އެނގިވަޑައިގެންވެފައިވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ކުރިން އޮންނާނީ ޕާޓީގައި [އެމްޑީޕީގައި] ރަޖިސްޓްރީވެފައި. އެކަމަކު އަޅުގަނޑު [އޭސީސީގެ] މެންބަރަކަށް ވުމުގެ ކުރިން އޮންނާނީ ޕާޓީން ވަކިވެފައި. ވަކިކޮށްފައި އޮތީ ވެސް. އެހެން އޮވެފައި އަނެއްކާ މި [ޕާޓީގެ] ދަފްތަރުގައި މި އޮތީ. މިއީ އަޅުގަނޑަށް އެނގިގެން ވެފައި އޮތް ކަމެއް ނޫން،" ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތްކަން އެނގުނީ ސަން އޮންލައިނުން އެ ވާހަކަ ބުނުމުން ކަމަށާއި އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލިޔުއްވާނެ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ވ. ގައި ބަޔާންކޮށްފައި ވަނީ އެ ކޮމިޝަނުގެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މެންބަރަކަށް ވެގެންނުވާނެ ކަމަށެވެ.
މީގެ 25 އަހަރު ކުރިން ސަރުކާރަށް ހިދުމަތް ކުރައްވަން ފެށި ޝަފީއު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވަނީ ސެޕްޓެމްބަރު 9، 2009 ގަ އެވެ. އޭގެ ފަހުން އޭނާ އޭސީސީގެ ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.