އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކުން އެ މަސައްކަތަށް 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފި އެވެ.

ޗައިނާގައި ހުންނަވައިގެން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު "ސަން" އަށް ވިދާޅުވީ، ހަ ގަޑިއިރަށް ދެމިގެން ދިޔަ ދިގު މަޝްވަރާތަކަށް ފަހު މިއަދު މެންދުރުގެ ވަގުތެއްގައި އެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިނިސްޓަރު ވިދާޅުވީ އެ އެހީގެ ދަށުން އަލަށް އަޅާ ރަންވޭ އާއި އޭޕްރަން އާއި އަލަށް އަޅާ ފިއުލް ފާމް އަދި ކާގޯ ކޮމްޕްލެކްސް އަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށެވެ.

އެއީ ކިތައް ޕަސެންޓް އިންޓަރެސްޓް ރޭޓްގައި ނަގާ ލޯނެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެ ލޯނަކީ ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރާ ލޯންތަކުގެ ތެރެއިން އެންމެ ދަށް ރޭޓްގައި ދޫކުރާ ލޯން ކަމަށެވެ. އަދި އަނބުރާ ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރު ކަމަށާއި ގްރޭސް ޕީރިއަޑްގެ ގޮތުގައި ފަސް އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ބައިވެރިވީ އެމްބެސަޑަރު މުހައްމަދު ފައިސަލް އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު ހުޝާމް އެވެ.