އަންނަ ޖެނުއަރީ މަހު ޖަޕާނުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައި މަސައްކަތް ކުރަމުންދާނެ ކަމަށް ޖަޕާނުން ބުނެފި އެވެ.

މީގެ ކުރިން ރާއްޖެ އަށް ހާއްސަ، ޖަޕާނު އެމްބަސީ ހުންނަނީ ސްރީލަންކާގަ އެވެ. ނަމަވެސް ފެށޭ އަހަރުން ފެށިގެން ރާއްޖެއަށް ހާއްސަ އެމްބަސީ ހުންނާނީ މާލޭގައި ކަމަށް ސްރީލަންކާގައި ހުންނަ ޖަޕާނުގެ އެމްބަސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ހުޅުވިގެން ދިއުމަކީ ރާއްޖެއާ އެކު އެގައުމުން ގާއިމުކޮށްފައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ޖަޕާނުން ބުނެ އެވެ.

ރާއްޖެ އާއި ޖަޕާނުގެ ގުޅުން ފެށިފައި ވަނީ 1967 ވަނަ އަހަރުން ފެށިގެންނެވެ. އެގުޅުމަށް 50 އަހަރު ފުރުން 2017 ވަނަ އަހަރު ފާހަގަކުރުމަށް މާލޭގައި އެމްބަސީ ހުޅުވުމުން އިތުރު ހިތްވަރެއް ލިބިގެންދާ ކަމަށް ޖަޕާނުން ބުނެ އެވެ.