މިއަހަރު ގްރޭޑު އެކެއްގައި ކިޔެވި 5،034 ކުދިންގެ ހެލްތު ސްކްރީން ކޮށްފައިވާ ކަމަށާއި ސްކްރީން ކުރި ކުދިންގެ ތެރެއިން އެންމެ ގިނައީ ލޮލުގެ މައްސަލައާއި ދަތުގެ މައްސަލަތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

މިއަހަރު ގްރޭޑް އެކެއްގެ ކުދިންނަށް ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ޕްރޮގްރާމުގެ ރިޕޯޓު ހާމަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެެރަލް ފާތިމަތު އައްޒަ ވިދާޅުވީ އަތޮޅުތަކުގެ ސްކޫލުން 2،889 ކުދިން ސްކްރީން ކޮށްފައިވާ ކަމަށާއި މާލޭގެ ސްކޫލުތަކުން 2،045 ދަރިވަރުން ސްކްރީން ކޮށްފައިވާ ކަމަށެވެ.

އަތޮޅުތަކުގައި ސްކްރީނިންގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިއްހީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލްތައް މެދުވެރިކޮށްގެން ކަމަށް އައްޒަ ވިދާޅުވިއެވެ.

"އެންމެ ގިނައިން ކުދިންގެ ފަރާތުން ފެނުނީ ދަތްފަނި ކައިފައި ހުރުމާއި ލޮލުގެ މައްސަލަ ހުރުން. މާލެގައި އަދި އަތޮޅުތަކުގެ ސްކޫލުތަކުގައިވެސް އެންމެ ގިނައީ ދަތްފަނިކައި ދަތުގެ މައްސަލަ ހުރި ކުދިން،" އައްޒަ ވިދާޅުވިއެވެ.

އައްޒަ ވިދާޅުވީ މިއަހަރު ކުރެވުނު ސްކްރީނިންގެ ތެރެއިން 561 ދަރިވަރުންގެ ފަރާތުން ލޮލުގެ ފެނުމުގެ މައްސަލަ ފެނިފައިވާ ކަމަށެވެ. އެގޮތުން 343 ދަރިވަރުންނަކީ މާލޭ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުގެ މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލުތަކުން 1،195 ދަރިވަރުންގެ ދަތް ވަނީ ފަނި ކައިފައެވެ. އޭގެ ތެރެއިން 641 ދަރިވަރުންނަކީ އަތޮޅުތަކުގެ ސްކޫލުތަކުގެ ދަރިވަރުން ކަމަށް އައްޒަ ވިދާޅުވިއެވެ. އތޮޅުތަކުގެ ދަރިިވަރުންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ކުދިންތައް ރިޕޯޓު ކޮށްފައިވަނީ ހދ. އަތޮޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ސްކޫލުތަކުން ދަތްފަނި ކައިފައި 550 ކުދިން ރިކޯޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދަކަށް ދަރިވަރުންގެ ކަންފަތުގެ މައްސަލަތަކެއް ހުރި ކަމަށްވެސް ސްކްރީނިން އިން ފެނިގެން ގޮސްފައިވާ ކަމަށެވެ. ކަންފަތުގެ މައްސަލަތައް ގިނައިން ފެނިފައިވަނީ އަތޮޅުތަކުގެ ދަރިވަރުންގެ ފަރާތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމުގެ މައްސަލަތައްވެސް އެ ސްކްރީނިންގެ ތެރެއިން ބަލާފައިވާއިރު 415 މައްސަލަ ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 225 ދަރިވަރުންގެ ފަރާތުން ހަމުގެ މައްސަލަތައް ފެނިފައިވަނީ މާލޭގެ ސްކޫލުތަކުން ކަމަށް އައްޒަ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑިކޭޝަން މިނިސްޓްރީއަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން ވަނީ އެ ހެލްތު ސްކްރީނިން ރިޕޯޓް ހަވާލުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ރިޕޯޓާ ހަވާލުވެފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން އެ ރިޕޯޓު ހަވާލުކޮށްފައިވަނީ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދެވެ.