މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ހާމަކޮށްފި އެވެ.

މީރާ އިން މިއަދު ވަނީ އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފަ އެވެ. އެގޮތުން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ 60 ފަރާތަކާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ޓެކްސް ނުދައްކާ އަށް ފަރާތެއްގެ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.

"ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ. އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ." މީރާއިން ބުންޏެވެ.

މީރާ އިން ބުނީ ނަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފި ނަމަ ނުވަތަ ފައިސާ ދައްކައިފި ނަމަ އެ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.