28 Dec 2015, 14:47
ސޮސައިޓީ ފޯ ހެލްތުކެއާ އެޑިއުކޭޝަން (ޝީ) އަށް ދިރާގުން 50،000 ރުފިޔާގެ މާލީ އެހީއެއް ދީފި އެވެ.
އެ އެހީ ދިރާގުން ދީފައި ވަނީ ޝީ އާ ގުޅިގެން ކުޑަކުދިން ހިމާޔަތްކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމުގެ އެއްބަސްވުމުގެ ދަށުންނެވެ. އެ ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމުގައި ޝީގެ އިސްވެރިން ސޮއިކުރެއްވި އިރު، ދިރާގުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖާ މާކެޓިން އަހުމަދު މައުމޫން އެވެ.
ދިރާގާ އެކު މިއަދު ވި އެއްބަސްވުމުގެ ދަށުން ޝީ އިން މުޅި 2016 ވަނަ އަހަރަށް ބަހާލައިގެން ކުޑަކުދިން ހިމާޔަތް ކުރުމާއި އެކުދިންގެ ހައްގުތަކަށް ބެލެނިވެރިންނާއި މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކެއް ހިންގާނެ އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން މައުމޫން ވިދާޅުވީ، ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން 2016 ވަނަ އަހަރުގެ ފެބްރުއަރީ އާއި ނޮވެމްބަރު މަހާ ދެމެދު، ކުޑަކުދިންނަށް ކުރާ އަނިޔާއަށް ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކާއި ބުލީ ކުރުން ފަދަ ނޭދެވޭ މައްސަލަތަކަށް މީހުން އަހުލުވެރިކުރުމާއި އެކިކަހަލަ އަނިޔާއާއި ގޯނާތައް ލިބިފައިވާ ކުދިންނާއި މުއާމަލާތް ކުރާނެ ފަރާތްތަކެއް ސްކޫލްތަކުގައި ތަމްރީނު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޑަކުދިން ހިމާޔަތް ކުރުމާއި އެކުދިންނަށް އަޅާލާ އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އެގޮތުން ޝީ އިން އިސްނަގައިގެން ކުރިއަށްގެންދަން ނިންމާފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކާއި އެހެނިހެން ހަރަކާތްތަކުގައި ދިރާގުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.