ދ. ބަނޑިދޫގައި ޑައުންސިންޑްރޮމް ހުންނަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ނަން ހާމަނުކުރުމަށް ބުނެ 'ސަން' އާ ވާހަކަ ދެއްކި ބަނޑިދޫ މީހަކު މިއަދު ބުނީ ޑައުންސިންޑްރޮމް ހުރި ކުއްޖަކަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ޖިންސީ ގޯނާ ކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އުމުރުން 18 އަހަރު ވެސް ފުރިފައިވާ އެ ކުއްޖާ އަކީ އަންހެން ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިންވެސް ޖިންސީ އަނިޔާ ލިބޭކަމުގެ ތުހުމަތުތަކެއް ކުރެވިގެން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އޭނާ އަލުން އާއިލާއާ ހަވާލު ކުރީ އާއިލާގެ އެދުމުގެ މަތިންކަމަށް އެނގިފައިވެ އެވެ. އަދި އާއިލާ އިން އޭނާ ބެލުމުގެ ޒިންމާ ނަގާފައި ވަނީ އެ ކުއްޖާގެ މާމަކަން ވެސް އެނގިފައިވެ އެވެ.

'ސަން' އާ ވާހަކަ ދެއްކި ބަނޑިދޫ މީހާ ބުނީ އެ ކުއްޖާއާ ބެހިގެން ހައްޔަރު ކުރި ބިދޭސީ މީހާއަކީ އަންހެން ކުއްޖާގެ ބައްޕަ ފަރާތު ބޭބެއެއްގެ މަސައްކަތްތަކެއް ކުރަން ގެނެސްގެން އުޅޭ މީހެއް ކަމަށެވެ. އަދި އޭނާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މަންޒަރު ރަށުގެ ބަޔަކަށް ފެނުމުން ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުންޏެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ފުރަތަމަ ފަހަރު ކަމަކަށް. ނަމަވެސް މިފަހަރު ބަޔަކަށް ފެނުނީ. ފެނުމުން އެމީހުން އެ ބިދޭސީ މީހާއާ މާރާމާރީ ހިންގައި އަނިޔާކުރި،" ނަން ހާމަ ނުކުރުމަށް އެދި 'ސަން' އާ ވާހަކަ ދެއްކި ބަނޑިދޫ މީހާ ބުންޏެވެ.

އެ މައްސަލާގައި ބިދޭސީމީހާ ހައްޔަރުކޮށްފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އަދި އޭނާ ހައްޔަރުކޮށް ބަނޑިދޫ ޕޮލިސް ސްޓޭޝަނުގައި ބެހެއްޓުމަށް ފަހު މިހާރު އެހެންތަނަކަށް ބަދަލު ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބަނޑިދޫ މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޕޮލިސް މީޑިއާއަށް އެފަދަ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުނު ވަރަކުން ހިތްސާކުރަމުން ގެންދާނެ ކަމަށެވެ.