މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނާއި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތައް އަންނަ މަހުން ފެށިގެން ޖޫރިމަނާ ކުރާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ނެރުނުރޫލިންއެއްގައި ބުނެފައި ވަނީ ސައްހަ ޓެކްސް އިންވޮއިސް ނުވަތަ ރަސީދު ދޫނުކުރާ ފަރާތްތަކާއި ވިޔަފާރިއާ ގުޅޭ އެކިއެކި ހިސާބުތައް ނުބަލަހައްޓާ މީހުންނާއި ޖީއެސްޓީގެ ގާނޫނާއި ގަވައިދުގައި ލާޒިމްކުރާ ކަންކަން ނުކުރާ މީހުންނާ މެދު އަންނަ ޖެނުއަރީ މަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން 15 ދުވަހުގެ މުހުލަތެއް ދިނުމަށްފަހު ގަވާއިދުގައި ބުނާ އެއްވެސް ކަމަކާ ހިލާފުވެއްޖެ ނަމަ، އަދި އެފަދަ ހިލާފުވުމަކަށް ޓެކްސް އާ ބެހޭ ގާނޫނެއްގައި އަދަބެއް ކަނޑައެޅިފައި ނުވާނަމަ، ގާނޫނާ ހިލާފުވި ފަރާތްތައް 2000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ވެސް މީރާ އިން އާންމު ކުރަމުން ގެންދާ އިރު، މިފަހަރު ޖޫރިމަނާ ކުރަން ނިންމާފައި މިވަނީ ޖީއެސްޓީ ދެއްކުމަށް މީހުންނަށް ބާރު އެޅުމާއި އެކަމުގެ މުހިންމުކަން އަންގައި ދިނުމަށް މިހާތަނަށް ކުރި މަސައްކަތުންވެސް އެދެވޭ ނަތީޖާއެއް ފެނިފައި ނުވާތީ ކަމަށް މީރާ އިން ބުނެ އެވެ.