ދޮން ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ލ. ހިތަދޫ ހުސައިން އަފީފް، 42، ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފި އެވެ.

ހިތަދޫ އިން ވާހަކަ ދެއްކި މީހަކު މިއަދު "ސަން" އަށް ބުނީ އެ މީހާ އަކީ އެރަށު ފެނަކަ އިންޖީނުގޭގައި ޓެކުނީޝަނަކަށް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށެވެ. އަދި ބުނީ އޭނާގެ ދޮންދަރި އަކީ އަންހެން ކުއްޖެއް ކަމަށާއި އެ ކުއްޖާއާ އެކު އޭނާ ބެހެނީ ބިރު ދައްކައިގެން ކަމަށެވެ.

"އެކަން އެނގޭ ރަށުގެ ގިނަ މީހުންނަށް. ނޭނގެ ދެން ކީއްވެގެން ކަމެއް ރިޕޯޓު ނުކޮށް އެ ތިބެނީ އެއް. އެކަމަކު އެންމެން އެއްގޮތެއް ވެސް ނުވާނެ ދެއްތޯ،" އޭނާ ބުންޏެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ދޮން ދަރިއަކާ ބެހުނު ކަމުގެ ތުހުމަތުގައި ލ. ހިތަދޫން މީހަކު މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހުސައިން އަފީފް ވަނީ އޭނާގެ ދޮންދަރީގެ ބަރަހަނާ ފޮޓޯ ވެސް ނަގާފައިވެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް ވިދާޅުވީ ތަހުގީގު ކުރަނިކޮށް އެމައްސަލާގައި ޝާމިލުވާ އިތުރު ދެ މީހަކު ހުރިކަން ފާހަގަކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހު 23 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.