28 Dec 2015, 12:45
މާލޭގެ ހުޅަނގު ފަރާތުގައި ހަދާ އާޓިފިޝަލް ބީޗު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާ އިރު، އެ ސަރަހައްދު ހުޅުވާ ރަސްމިއްތާތުގެ ކޮންސެޕްޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސަރަހައްދު ކުރިން އޮތް ގޮތާ އެ ސަރަހައްދަށް އައިސްފައިވާ ބަދަލާ އެކު، ރަށެއްގެ މަލަމަތި ސިފަވާގޮތަށް 3ޑީ ޕްރޮޖެކްޝަން މެޕިންގް ނުވަތަ ކޮންސެޕްޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
"ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު، 5 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ 13:00 އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މާލޭގެ ހުޅަނގުފަރާތުގައި އާޓިފިޝަލް ބީޗު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މަސައްކަތް ނިންމައި އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި އެތަން ހުޅުވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުން، އެތަނުގައި ބާބަކިޔު ސަރަހައްދެއްގެ އިތުރުން ދެ ފިޝިންގް ޕްލެޓްފޯމަކާއި ފެން ވެރޭ ގޮތަށް ފާޚާނާ ބަރިއެއް ވެސް ގާއިމްކުރެވޭނެ އެވެ.
އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމޭ އިރު އެ ސަރަހައްދުގެ ވަށައިގެންވާ މަގުވެސް ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެ ކަމަށް ހައުސިން އިން ބުނެ އެވެ.
އާޓިފިޝަލް ބީޗު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.
އެސަރަހައްދުގެ 4623 އަކަ މީޓަރުގެ ސަރަހައްދެން ތިން މީޓަރަށް ފުން ކުރުމާއި 2547 އަކަ މީޓަރުގެ ގޮނޑުދޮށެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41.5 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިހާރު އެ ސަރަހައްދު ފެހި ކުރުމަށް ގަސް އިންދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.