12 Apr 2011, 18:04
ވީއޭ ޕްރައިވެޓް ލިމިޑެޓުން ރާއްޖެ އަށް އެތެރެ ކުރި ކަމަށް ބުނާ 2.5 މިލިއަން ރުފިޔާގެ ޑަޗްލޭޑީ، ކިރު ޕެކެޓްގެ ހަ ކޮންޓެއިނަރު މުއްދަތު ހަމަވެގެން އެމްޕީއެލްއިން ނައްތާލައިފި އެވެ.
ޑަޗްލޭޑީ ކިރު ޕެކެޓުތަކެއް މިދިޔަ އަހަރު ރާއްޖެ އެތެރެ ކުރީ ކަސްޓަމްސްގެ އިންވޮއިސްގެ އަގު އޮޅުވާލައިގެން ކަމަށް ބުނެ، އަމިއްލަ ކުންފުންޏަކުން އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ ]އަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ނަމަވެސް އިއްޔެ ނައްތާލީ ހަ ކޮންޓޭނަރުގެ ކިރު ޕެކެޓްތަކަކީ އެ މައްސަލައާ ގުޅުން ހުރި ކޮންޓެއިނަރުތަކެއް ކަމެއް އެމްޕީއެލް އަކުން ނުބުނެ އެވެ.
މުއްދަތު ހަމަވެ، ހަލާކުވެގެން އިއްޔެ ނައްތާލީ ވީއޭގެ ހަ ކޮންޓެއިނަރުގެ ކިރު ކަން އެނގިފައިވެ އެވެ.
އެމްޑީޕީ ޕަލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ހަމްޒާ އާއި ރައީސް ނަޝީދުގެ އެކޮނަމިކް އެޑްވައިޒަރު އަލީ ޝީޔާމްގެ ހިއްސާއޮންނަ ވީއޭ އިން އެ ކޮންޓެއިނަރުތައް ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި އެކި ފަހަރު މަތިން ކަމަށް އެނގިފައިވެ އެވެ.
އެމްޕީއެލްއުން ބުނީ އެ ކިރު ޕެކެޓްތައް ނައްތާލަން ޖެހުނީ އެ ތަކެތި ނީލަން ކިޔަންވެގެން މޯލްޑިވްސް ފުޑް އެންޑް ޓަރަގް އޮތޯރިޓީ އަށް އެންގުމުން އެތަކެތީގެ މުއްދަތު ހަމަވެފައިވާ ކަމަށް އެ އޮތޯރިޓީން އެންގުމުން ކަމަށެވެ. ނަމަވެސް އެ ކޮންޓެއިނަރުތައް ހިފެހެއްޓި މައްސަލާގައި އެމްޕީއެލް އިން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.
އަދި އެކަމާ ބެހޭ ގޮތުން ވީއޭ އިން ވެސް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. އެ ކުންފުނީގެ ޑިރެކްޓަރަކަށް މިއަދު ފޯނުން ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ މިއަދު ވެސް ވަނީ އެ ކުންފުނީގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
އަގުދަށް އިންވޮއިސްތައް ބޭނުންކޮށްގެން ވީއޭ އިން ރާއްްޖެ އެެތެރެކުރި ކިރުގެ މައްސަލަ ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅި ކުންފުނިން ވަނީ ޑަޗްލޭޑީ ކިރު ޕެކެޓް ކޮންޓެއިނަރުގެ އަގު ތިރިކުރި ކަމަށްބުނާ އިންވޮއިސްތަކުގެ ކޮޕީތައް ވެސް ހުށަހަޅައިފަ އެވެ. އެ ގޮތުން އެ ކިރު ޕެކެޓްތައް ރާއްޖެ އެތެރެ ކުރުމަށް ވިއޭއާ އެކު މުއާމަލާތް ކުރި ކުންފުނީގެ އިންވޮއިސްތަކުން ދައްކާ ގޮތުން އެ ކޮންޓެއިނަރުތައް ރާއްޖެ އެތެރެކުރުމަށް އޮރިޖިނަލް އިންވޮއިސް އަށް ޖުމްލަ އަގު 35860 ސިންގަޕޫރު ޑޮލަރު ]442،368.96 ރުފިޔާ[ އަރާއިރު، އޮޅުވާލައިގެން ހަދާފައިވާ އިންވޮއިސްގައި ޖަހާފައި ވަނީ 22331 ސިންގަޕޫރު ޑޮލަރު ]275475.21 ރުފިޔާ[ އެވެ. އެއީ 13،529 ސިންގަޕޫރު ޑޮލަރު ތަފާތު އަދަދެކެވެ.