28 Dec 2015, 11:22
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މިއަދު ބާއްވާ އިސްތިއުނާފު އަޑުއެހުން ސިއްރުކޮށްފިއެވެ.
ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ މިއަދު ބާއްވާ އަޑުއެހުމަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑިއެހުމެއް ނޫން ކަމަށެވެ.
ފުލުހުން ކާނަލް ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައިފާސްކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެގެއިން ފުލުހުން ހޯދި ފިސްތޯލައިގައި ކާނަލް ނާޒިމްގެ ފިންގާ ޕްރިންޓު ނެތް ކަމަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.
ނަމަވެސް އެ ފިސްތޯލައިގައި މީހެއްގެ ފިންގާޕްރިންޓު ހުރިއިރު، އެއީ ކާކުގެ ފިންގާ ޕްރިންޓު ތޯ ފުލުހުން ބަލާފައިނުވާތީ ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ކްރިމިނަލް ކޯޓުގައި އެކަން ފާހަގަކުރައްވާފައެވެ.
ފުލުހުންނާއި ސިފައިން ދީފައިވާ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭގެވަގުތެއްގައެވެ.
ހައިކޯޓުގައި ބޭއްވި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއްގައި ދައުލަތުން ވަނީ ސިއްރު ލިޔުމެއް ޝަރީއަތަށް ހުށަހަޅައިފައެވެ. އެ ސިއްރު ލިޔުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް އިއްޔެ ވެސް ވަނީ ސިއްރު އަޑުއެހުމެއް ބާއްވާފައެވެ.
އާންމުކޮށް ހުޅުވާލައިގެން ވެސް އިއްޔެ އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. އެ އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓަށް ނާޒިމް ހުށަހެޅި ދިފާއީ ހެކީންގެ ތެރެއިން ކޯޓަށް ހާޒިރުނުކުރާ ހެކީން ހައިކޯޓުގެ ޝަރީއަތަށް ހާޒިރުކުރަން ނިންމާފައެވެ. އަދި ދައުލަތުން ހުށަހެޅި ބައެއް ހެކީން ހާޒިރުކުރަން ވެސް ވަނީ ނިންމާފައެވެ.
އިއްޔެ ފަނޑިޔާރުން ވިދާޅުވީ އެ ހެކީން މާލެގައި ތިބިނަމަ ހެކީންނާއެކު މިއަދު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި އޮތީ ހެކިބަސް ނެގުން ކަމެއް އަދި މުޅިން ޔަގީނެއް ނުވެއެވެ. އަދި މިއަދުގެ އަޑުއެހުން ސިއްރުކުރީ ކީއްވެގެން ކަމެއް ވެސް ހައިކޯޓުން އަދި ބުނެފައެއް ނުވެއެވެ.