28 Dec 2015, 16:23
ރަންދިހަ ފަހެއް ސީރީޒްގެ ނޫޓުތައް ލެވޭގޮތަށް އެ ނޫޓުތަކަށް ހާއްސަ ވޮލެޓްތަކެއް ހަދައިދޭނެ ބަޔަކު ހޯދަން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާންކޮށްފި އެވެ.
އެމްއެމްއޭ އިން ވަނީ ނޫޓުތަކަށް އެފަދަ ވޮލެޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ހޯދުމަށް މިއަދު އިއުލާންކޮށްފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އެފަދަ ވޮލެޓުތަކެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށެވެ. އެގޮތުން އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމުގެ ސުން ގަޑިއަކީ އަންނަ ޖެނުއަރީގެ ފަސްވަނަ ދުވަސް ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީގެ ހަތްވަނަ ދުވަސް ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވޮލެޓުތަކުގެ ޑިޒައިން ހުންނާނީ އެމްއެމްއޭ އިން ކަނޑައަޅާ ގޮތަކަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހު ތައާރަފު ކުރި ރަންދިހަފަހެއް ނޫޓު ސީރީޒްގައި 10 ރުފިޔާއާއި 20 ރުފިޔާ އާއި 50 ރުފިޔާގެ އިތުރުން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތައް ހިމެނެއެވެ.
ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވީ އެމްއެމްއޭ އިން ދިވެހި އިގްތިސާދަށް ނެރޭނެ ކޮންމެ ނޫޓެއް ނެރޭނީ އެ ބޭންކަށް އެ އަދަދު ނޫޓެއް ވަނުމުން ކަމަށެވެ.
"އާނޫޓްތައް ނުކުންނާނީ ވަންނަ ކޮންމެ އެއްޗަކަށް 'ނޫޓަކަށް'، މަނީ ސަޕްލައިއަކަށް މީގެން ބަދަލެއް ނާންނާނެ. މަނީ ސަޕްލައިއަށް ބަދަލު އަންނާނީ އިކޮނޮމިކް ކޮންޑިސަންގެ ސަބަބުން. މީގެން މިވަނީ ރިޕްލޭސް މިވަނީ،" ގަވަރުނަރު އަޒީމާ ވިދާލުވި އެވެ.
އާ ނޫޓުތައް ނެރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ ތެރޭގައެވެ. ނަަމަވެސް އޭޓީއެމްގެ ސޮފްޓްވެއާތައް ބަދަލު ކުރަން ޖެގުމާ ގުޅިގެން އެ މަސައްކަތް ލަސްވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
ނޫޓް ސީރީޒް ބޭނުންކުރަން ނެރުމަށް މިހާރު ހަމަޖެހިފައިވާ ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 26 ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މިހާރު ގެންގުޅޭ ފައިސާއާ އަޅާބަލާއިރު ރަންދިހަފަހެއް ސީރީޒް ފައިސާގެ ކުލަތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ފަނޑު ކުލަތަކެއް ވަނީ އެނޫޓުތަކުގައި ބޭނުންކޮށްފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ނޫޓުތަކުގެ ތެރެއިން 10 ރުފިޔާގެ ނޫޓުގައި އަޅިކުލަ ބޭނުންކޮށްފައިވާ އިރު 20 ރުފިޔާގެ ނޫޓުގައި ބޭނުންކޮށްފައި ވަނީ ދަނބު ކުލަ އެވެ. އަދި 50 ރުފިޔާގެ ނޫޓުގައި ފެހި ކުލަ ބޭނުންކޮށްފައިވާ އިރު 100 ރުފިޔާގެ ނޫޓުގައި ރަތް ކުލަ ވަނީ ވޭނުންކޮށްފަ އެވެ. އަދި 500 ރުފިޔާގެ ނޫޓުގައި އޮރެންޖް ކުލަ ބޭނުންކޮށްފައިވާ އިރު 1000 ރުފިޔާގެ ނޫޓުގައި ބޭނުންކޮށްފައިވަނީ ނޫކުލަ އެވެ.