މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ އާއިލާ އާ އެކު އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބެކަމް އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަ ކުރަނީ މާލެ އަތޮޅުގައި އޮންނަ ވަން އެންޑު އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ.

އެހެންނަމަވެސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ބެކަމް އާއި އޭނާގެ އާއިލާ ރާއްޖެ އިން ފުރާނެ ދުވަހެއް އަދި ސާފުވެފައެއް ނުވެ އެވެ.

މިދިޔަ އަހަރު ވެސް ބެކަމް ވަނީ އާއިލާ އާ އެކު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފަ އެވެ. އެފަހަރު ވެސް އޭނާ މަޑުކޮށްފައި ވަނީ ވަން އެންޑު އޮންލީ ރީތި ރަށް ރިސޯޓުގަ އެވެ.

ބެކަމްގެ އިތުރުން، މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފަ އެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯން ވެސް ވަނީ ޗުއްޓީ ހޭދަ ކުރުމަށް ވަރަށް ފަހުން ރާއްޖެ އައިސްފަ އެވެ.

އަދި ރީތީގެ ރާނީ ޖެނިފާ ހޮވްކިންސް އާއި އޭނާގެ ފިރިމީހާ ވެސް އެ ލިސްޓުގައި ފާހަގަކޮށްލެވެ އެވެ.

އާއްމު ގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ވަރާއި ދިމާކޮށް މަޝްހޫރު ގިނަ ފަރާތްތަކުން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އާދެ އެވެ.