28 Dec 2015, 11:02
މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ އާންމުންނަށާއި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
ބަހުގެ ހިދުމަތް ދިނުމުގައި މާލީ އަދި ފަންނީ ގާބިލުކަން ހުރި ފަރާތްތަކުން މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ އާންމުންނަށާއި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ދިނުމާމެދު ޝައުގުވެރިކަން ފާޅުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.
ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ނުވަތަ އީއޯއައި ހުށަހެޅުމަށް މިނިސްޓްރީން މީގެ ކުރިން ހުޅުވާލި ފުރުސަތުގެ އެންމެ ފަހު މުއްދަތަކީ މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.
ނަމަވެސް ބަހުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުށަހެޅުމުގެ މުއްދަތު އިކޮނަމިކް މިނިސްޓްރީން މިހާރު ވަނީ އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އިތުރުކޮށް އެކަން އަންގައި އިއުލާނެއް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.