އޮޑި ދޯނިފަހަރަށާއި ގޯތި ގެދޮރުގައި ތިބެގެން ސިހުރު ހަދަމުންދާ ކަމުގެ ތުހުމަތު ބޮޑުވެ، އެކަމުގެ އުނދަގޫ އާއްމު ރައްޔިތުންނަށް ފޯރަމުންދާތީވެ ތ. ވިލިފުށިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ މައްސަލައެއްގައި ވިލުފުށިން 48 އަހަރުގެ މީހަކާއި 56 އަހަރުގެ މީހެއްގެ އިތުރުން 58 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ތިން މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އެކި ގަޑިތަކުގައި ކަމަށެވެ.

"އެ މީހުން ހައްޔަރުކުރީ ވިލިފުށި ޕޮލިސް ސްޓޭޝަނުން. އެ މީހުން ހައްޔަރުކުރީ އެ މީހުންނާ ގުޅޭ މައްސަލަތަކެއް ހުށަހެޅިފައިވާތީވެ،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ އެ ތިން މީހުގެ ބަންދަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓު ކޯޓުން ދެ ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މީހުންގެ ތެރޭގައި ވިލިފުށި ކައުންސިލުގެ ޒިންމާދާރު ވެރިޔާ ވެސް ހިމެނެ އެވެ. ވިލިފުށި ކައުންސިލުން "ސަން" އަށް ވަނީ އެ ތިން މީހުންގެ ތެރޭގައި ކައުންސިލުގެ ޒިންމާދާރު ވެރިޔާ ހައްޔަރުކުރިކަން ޔަގީންކޮށްދީފަ އެވެ.