28 Dec 2015, 10:42
ގްލޯބް ސޮކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އަށް ލިބެއްޖެއެވެ.
ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފައިވާ މެސީ އަށް ގްލޯބް ސޮކާ އެވޯޑް ރޭ ލިބުނީ ދުބާއީގައި ބޭއްވި ހަފްލާއެއްގައެވެ. 2010 ވަނަ އަހަރުން ފެށިގެން ދުބާއީގައި ދެމުން އަންނަ އެ އެވޯޑް އެންމެ ފަހުން އުފުލާލާފައި ވަނީ މިދިޔަ އަހަރު ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ކުރިސްޓޮއާނޯ ރޮނާލްޑޯއެވެ.
އެ އެވޯޑް އުފުލާލުމަށް ފަހު މެސީ ބުނީ އޭނާއަށް އެ އެވޯޑް ލިބުމުން އުފާވާ ކަމަށާއި ނަމަވެސް އެންމެ އުފާ ވަނީ އަމިއްލަ އަށް ލިބޭ އެވޯޑަށް ވުރެން އޭނާގެ ޓީމަށް ލިބޭ ކާމިޔާބީ އަށް ކަމަށެވެ.
"މި އަހަރަކީ ބާސާއަށާއި އަހަރެންނަށް ވެސް ވަރަށް ގިނަ ކާމިޔާބީ ތަކެއް ލިބުނު އަހަރަކަށް. މިއީ އަހަރެންގެ އެކަނި މަސަތްކަތުން ލިބުނު ކާމިޔާބީއެއް ނޫން. މިއީ އަހަރެންނާއި އެކީ މަސަތަކަތް ކުރި ހުރިހާ ކުޅުންތެރިންގެ ބުރަ މަސަތްކަތް،" މެސީ ބުންޏެވެ.
މެސީ ވަނީ ބާސީލޯނާއާ އެކީ ނިމިދިޔަ ސީޒަނުގެ ލަލީގާއާއި ކޮޕަޑެލެރޭ އާއި ޗެމްޕިއަންސް ލީގްގެ އިތުރުން މި އަހަރުގެ ސުޕެނިޝް ކަޕާއި ޔުއެފާ ސްޕަކަޕާއި ފީފާ ކުލަބް ވޯލްޑް ކަޕް އުފުލާލައިފަ އެވެ. އަދި މި އަހަރު ފަސް ޓްރޮފީ އެ ޓީމާއި އެކު ކާމިޔާބު ކޮށްފައެވެ.
މި ހަފްލާގައި ހޮވި އެހެން މަގާމު ތަކަށް ބަލާއިރު އެންމެ ކާމިޔާބު ކުލަބުގެ މަގާމު ބާސާއިން ހޯދީ އެންމެ ފަހުން އެ އެވޯޑް ހޯދާފައިވާ ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. އަދި ޕުލޭއާ ކެރިއާ އެވޯޑް ލިބުނީ އެމެރިކާގެ މޭޖަ ލީގްގައި ކުޅެމުން އަންނަ އިޓަލީގެ އަންދްރޭ ޕިރްލޯއާއި އިންގްލޭންޑް ގެ ފްރޭންކް ލަމްޕާޑަށެވެ.