12 Apr 2011, 16:51
އަބިޖާން : އައިވަރީ ކޯސްޓްގެ ރައީސްކަމުން ދުރުކުރެވުނު ލޮރެން ބަގްބޯގެ މައްޗަށް ޝަރީޢަތް ހިންގާނެ ކަމަށާއި އޭނާ މިހާރުވަނީ ހައްޔަރު ކުރެވިފައި ކަމަށް އެޤައުމުގެ އާ ރައީސް އެލަސަން ވުތަރާ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަދި ރައީސް ކަމުގެ މަޤާމާ މިއަދު ރަސްމީގޮތުން ޙަވާލުވެ ވަޑައިގެންނެވި އެލަސަން ވުތަރާ އަމިއްލަފުޅު ޓީވީ މެދުވެރިކުރައްވައި މިއަދު ޤައުމަށް ދެއްވި ޚިތާބުގައި ވިދާޅުވީ ބަގްބޯއާއި ބަގްބޯގެ އަނބިކނބަލުން މިހާރުވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށާ ބަގްބޯގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމުގައެވެ.
ރިޔާސީ އިންތިޚާބުގައި ބަލިވުމަށްފަހުވެސް ވެރިކަން ދޫކުރުމަަށް ބަގްބޯ ދެކޮޅު ހެއްދެވުމުން އައިވަރީ ކޯސްޓްގައި އަލުން އަހްލީ ހަނގުރާމަފެށި އެންމެފަހުން މިހަނގުރާމައިގާ ބަގްބޯ ބަލިވެ ވުތާރާގެ ބާރުތަކުގެ އަތްދަށުގައި އޭނާ ހައްޔަރުވިއިރު ޤައުމުގެ އެތަށްކާސްބަޔަކު މަރުވެ އިޤްތިސާދީ އެތަށް ގެއްލުންތަކެއްލިބި ގިނަ ޢަދަދެއްގެ ބަޔަކުވަނީ ރެފިޖީންގެ ގޮތުގައި ޙާލުގައި ޖެހިފައެވެ.
ބަގްބޯގެ މި ގޮތްދޫނުކުރުންތަކުގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުންތަކާ ގުޅިގެން އޭނާގެ މައްޗަށް ދަޢްވާކޮށް އިންސާފު ހިންގާނެ ކަމަށް ވުތަރާ ވިދާޅުވިއެވެ. ބަގްބޯ ހައްޔަރުކުރީ ފަރަންސޭސި ސިފައިންގެ ޚާއްސަ ފައުޖަކުން ކަމަށް ޚަބަރު ފެތުރިފައިވީ ނަމަވެސް އަމާން ދިނުމުން އޭނާ ހައްޔަރުކުރީ ފަރަންސޭސި ބާރުތަކާއި އދ. ގެ ބާރުތަކުގެ އެހީއާއެކު ވުތަރާގެ ބާރުތަކުން ކަމަށް ވުތަރާ ވިދާޅުވިއެވެ.
އަމާން ދެއްވި ބަގްބޯ މިހާރު ހައްޔަރު ކުރެވިފައިވަނީ އަނބިކަނބަލުންނާއެކު އަބިޖާންގެ ހޮޓަލެއްގައެވެ.
މިހޮޓަލުގައި ހުންނަވައިގެން ވުތަރާގެ އަމިއްލަ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ބަގްބޯ ވަނީ ހަނގުރާމަ ހުއްޓާލައި އަމާން ދިނުމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ. (އަލްޖަޒީރާ)