28 Dec 2015, 10:09
ށ. ކޮމަންޑު އާއި ނ.ހޮޅުދޫ އަށް ރޭދަންވަރު އުދައަރައި ގެއްލުންތަކެއް ވެއްޖެ އެވެ.
ރޭ ދަންވަރު 02:00 އެހާކަންހާއިރު އެ ދެ ރަށަށް އެރި އުދައިގައި ބޮޑަށް ގެއްލުން ލިބިފައި ވަނީ ކޮމަންޑޫގައި ހުރި ގެއަކަށެވެ.
ފުލުހުން ބުނީ، އެގެއަށް އުދަ އެރުމުގެ ސަބަބުން ގޭގައި ހުރި ބައެއް މުދަލަށް ގެއްލުންވެ، ކަރަންޓް ވެސް ކެނޑިފައިވާ ކަމަށެވެ. އަދި އެގޭގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮމަންޑު އަށް އެރި އުދައިގެ އަސަރު، އެރަށު އިރު އުތުރު ފަރާތުން 300 ހާ ފޫޓު އެއްގަމަށް ކޮށްފައިވެ އެވެ.
ފުލުހުން ބުނީ، ނ.ހޮޅުދު އަށް އެރި އުދައިގެ އަސަރު، އެ ރަށު އިރު އުތުރު ފަރާތު 200 ހާ ފޫޓު އެއްގަމަށް ކޮށްފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ތިން ގެއަކާއި ހަމައަށް ލޮނުގަނޑު ފޯރި ކަމަށެވެ.
އެހެންނަމަވެސް ވެލި ބަސްތާ ޖަހައިގެން އެ ގެތަކަށް ލޮނުގަނޑު ވަނަ ނުދީ ކޮންޓުރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ކޮމަންޑޫ އާއި ހޮޅުދުއަށް އެރި އުދައަކީ އިރުވައި މޫސުމުގެ ހަޅައިގެ ސަބަބުން ދިޔަވަރު ބޮޑުވި ވަގުތުގައި އެރި އުދައެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.