28 Dec 2015, 10:15
ދުބާއީ (ޑިސެމްބަރ 28): ހަމަނުޖެހުންތަކުގެ ސަބަބުން ހަޑިވެފައިވާ އިސްލާމް ދީނުގެ ސޫރަ ރީތި ކުރަން މަސައްކަތް ކުރަން ޖެހޭނީ މުސްލިމުން ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާ ބެހޭ ގޮތުން އިއްޔެ އިރާންގެ ވެރިރަށް ތެހެރާންގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވަނީ އައިއެސް ފަދަ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ އަމަލުތައް ކުށްވެރި ކުރައްވައިފަ އެވެ.
"ދުނިޔޭގެ އާއްމުން އިސްލާމް ދީނާ މެދު ދެކޭ ގޮތް ރަނގަޅު ކުރުމަކީ އަޅުގަނޑުމެން [މުސްލިމުން]ގެ ޒިންމާއެއް. މީހުން މަރާ، ހަމަނުޖެހުން ހިންގާ، ފޭރޭ، ނާއިންސާފުވެރި ދީނެއްގެ ގޮތުގައި އިސްލާމް ދީން ދައްކުވައިދޭނީ، އަޅުގަނޑުމެންގެ ދުޝްމަނުންގެ ބަދަލުގައި، އިސްލާމީ ދުނިޔެއަށް ނިސްބަތްވާ ބައެއް ކަމަށް ލަފާކުރެވުނީ ކާކަށްތޯ؟" އައިއެސްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވި އެވެ.
މީގެ އިތުރުން ރޫހާނީ ވަނީ އެމެރިކާއިން ހަތިޔާރު ގަނެގެން މުސްލިމުންނަށް ހަމަލާދޭ އިސްލާމީ ގައުމުތަކަށްވެސް ފާޑު ވިދާޅުވެފަ އެވެ.
[އިސްލާމީ ގައުމުތަކުން] މިއަހަރުތެރޭގައި އެމެރިކާ އިން ކިތައް ބޮމާއި މިސައިލް ގަނެފައިވޭތޯ؟ އެ ފައިސާ ފަގީރު މުސްލިމުންގެ މެދުގައި ބެހިނަމަ، [މުސްލިމުން] ބަނޑުހައި ކަން މަތީ ނުތިބޭނެ،" ރޫހާނީ ވިދާޅުވި އެވެ.
އީރާނަކީ ސައުދީ އިސްވެ އޮވެގެން ހަދާފައިވާ އަރަބި ކޯލިޝަންއިން ޔަމަނުގެ ހޫޘީންނަށްދޭ ހަމަލާތަކާ ދެކޮޅު ގައުމުކެވެ.
ނަމަވެސް، ސީރިޔާގައި މިހާރު އޮތް ބައްޝާރުލް އައްސަދުގެ ވެރިކަމަށް އީރާނުން ތާއިދުކުރެ އެވެ. އަދި ބައްޝާރުލް އައްސަދުގެ ސަރުކާރާ ދެކޮޅު ސީރިޔާ ރައްޔިތުންނާއި، އައިއެސް ޖަމާއަތާ ދެކޮޅަށް ސީރިޔާގައި ކުރާ ހަނގުރާމައިގައި އިރާނުން ވާގިވެރިވެ އެވެ. (ރޮއިޓާސް)