"އިންޑިއާ ކުޅޭނީ އަމިއްލަ ދަނޑުގައި. ސަޕޯޓަރުން އެންމެ ގިނައީ ރާއްޖެ މެޗަށް،" މިއީ ކެރަލާ ސިޓީގެ އެންމެ ބޮޑު އެއް ނޫސް 'މަތުރުބޫމީ' އިން ސާފް ސުޒުކީ ކަޕް ކަވަރުކުރާ އެއް ރިޕޯޓަރު ސިރާޖު ކާސިމު ބުނި ވާހަކައެކެވެ.

ސިރާޖު އިޝާރާތް ކުރީ އިންޑިއާގައި މެޗް ކުޅޭއިރު، އިންޑިއާގެ އާބާދީއާ ބަލައި ސަޕޯޓަރުން މަދު ވާހަކައެވެ. އެއީ ތެދެކެވެ. ހޮޓާތަކާއި ގެސްޓްހައުސްތަކުން ދިމާވާ މީހުން ގާތު މިއަދު އިންޑިއާ މެޗް އޮތް ވާހަކަ ބުނިނަމަވެސް އެމިހުންގެ ތުންފަތްމަތިން ހިނިތުވުމެއް ދިނުން ފިޔަވައި އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް އެވެރިން ދޭ ހިތްވަރެއް ނެތެވެ. މިއީ ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީ އޮތް ގައުމުގެ ވާހަކައެވެ.

އިންޑިއާގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭއިރު، ނިސްބަތުން އިންޑިއާ މީހުންނަށްވުރެ ގިނައި ދިވެހިން ދަނޑަށް ވަދެއެވެ.

މިވާހަކައަށް އިތުރަށް 'ބަހާނާއެއް' ދެއްކުމަށް އިންޑިއާގެ މީހަކު ނުވަތަ ދިވެއްސަކުވެސް ބުނެފާނެއެވެ. "އިންޑިއާއަކީ ކްރިކެޓްގެ ގައުމަކާ" ބަލާފައި ފުޓްބޯޅަ ބަލަން މީހުން ނުވަނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.

ނަމަވެސް މިބަހަނާއަކަށް ކަމާލްއާއި އިންޑިއާގެ ކުޅިވަރު ބައެއް ނޫސްވެރިން އެއްބަހެއް ނުވެއެވެ.

ދުނިޔޭގެ އެންމެ މަޝްްހޫރު އެއް ކުޅިވަރަކީ ފުޓްބޯޅައެވެ. ނަމަވެސް 1.252 ބިލިއަން މީހުންގެ އާބަދީގެ ގައުމަކުން ފުޓްބޯޅަ ބަލަން ފަސް ހާސް މީހުން ދަނޑަށް ވަނުމަކީ ލަދުވެތި ކަމެކެވެ.

ދުނިޔޭގައި ކްރިކެޓް ގައުމީ ކުޅިވަރެއްގެ ގޮތުގައި އޮތީ އިނޑިއާ އެކަންޏެއް ނޫނެވެ. ކްރިކެޓްގެ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ގައުމަކީ އޮސްޓްރޭލިއާއެވެ. ނަމަވެސް އެގައުމުގެ ފުޓްބޯޅަ ލީގާއި ގައުމީ ޓީމު ކުޅޭ މެޗްތަކުގައިވެސް 80،000 މީހުންގެ ދަނޑުތައް އޮންނަނީ ފުރި ބާރުވެފައެވެ.

އިނގިރޭސި ވިލާތުގައިވެސް އެއް ވަނަ ކުޅިވަރަކީ ފުޓްބޯޅައެއް ނޫނެވެ. ކްރިކެޓެވެ. ނަމަވެސް އިނގިރޭސި ލީގްގައި ސަޕޯޓަރުންނަށް ދަނޑަށް ވަންނަ ކަން އިނގިރޭސި ޕްރިމިއާ ލީގް ބަލާ ދިވެހިންނަށް އެނގޭނެއެވެ. އެގައުމުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނަސް އެ ފޯރި ސަޕޯޓަރުންގެ ކިބައިން ފެނެއެވެ.

އިންޑިއާގެ ނޫސްވެރިންގެ ތައުރީފު ދިވެހި ސަޕޯޓަރުންނަށް ލިބެނީ އެހެންވެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރަށް ފުޓްބޯޅަވާއިރު ދިވެހިންގެ މެދުގައި އެފޯރި އެގޮތުގައި އޮންނާތީއެވެ. ކޮންމެ ތަނެއްގައި ދިވެހި ޓީމު ކުޅުނަސް އެތަނެއްގައި ދިވެހިން ތިބިނަމަ ދިވެހި ސަޕޯޓަރުން ދަނޑަށް ދާނެއެވެ.

އަދި ގައުމީ ޓީމާ ޖެހުމުން "ފުޓްބޯޅައަށް މަރުދޭ" ދިވެހިންގެ ސަޕޯޓާއި ފޯރިއަކީ މުޅި އޭޝިއަގައިވެސް ވައިގައި ހިއްޕާލާފައިވާ އޮލަ ވާހަކައެކެވެ.

ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވާ ކޮންމެ ކޯޗެކޭ އެއް ފަދައިން މިހާރުގެ ކޯޗް ރިކީ ހާބަޓްވެސް ވަނީ ގައުމީ ޓީމަށް ދިވެހިން ކުރާ ސަޕޯޓަށް ތައުރީފުކޮށްފައެވެ. އަދި ޓްރިވެންޑްރަމުގައި ކުޅޭއިރު ނިސްބަތުން ރާއްޖޭގެ އެތައް ބަޔަކު ދަނޑަށް ވަންނަ ވަނުން ކޯޗް ވަނީ ފާހަގަކޮށްފައެވެ.

އަދި މިއަދުގެ މެޗްގައި އިތުރަށް އެސަޕޯޓް ދިނުމަށް ކޯޗް ހާބަޓްވަނީ ދިވެހި ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

މީގެ އިތުރުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކުރަން ވީހާވެސް ގިނަ ދިވެހީން ދަނޑަށް ވެއްދުމަށް، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުންވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަދުވެސް ހިލޭ ޓިކެޓް ބަހަން މިހާރު ފަށާފައިވާއިރު، ވީހާވެސް ގިނަ ދިވެހީން ދަނޑަށް ވަނުމަކީ އެ ކޮންސިއުލޭޓްގެ ވަރަށް ބޮޑު އެދުމެކެވެ.