ފިރިމީހާގެ ފަރާތުން ޖިންސީ އަނިޔާ ލިބުމުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ހޯދަމުންދާ ގދ. ތިނަދޫ އަށް އުފަން އަންހެން މީހާ އަށް "އެއްވެސް ކުރިއެރުމެއް" ނުލިބޭ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ އަންހެން މީހާގެ ހާލަތު އަދިވެސް ސީރިއަސް ކަމަށެވެ.

"އަޅުގަނޑު އިއްޔެގަވެސް އޭނާގެ ހާލު ބަލާލިން. ހަމަ ސޭމް. އެއްވެސް އިމްޕްރޫވްމަންޓެއް ނުލިބޭ،" ޒީނަތު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން މިދިޔަ ހަފްތާގައި ބުނީ އަންހެން މީހާގެ ސިކުނޑިއަށް ވެސް ލޭ އެޅިފައިވާ ކަމަށެވެ. އޭނާގެ ހާލަތު ކްރިޓިކަލް ކަމުން އެ އަންހެން މީހާއަށް އޮޕަރެޝާން ނުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އެ އަންހެން މީހާ ވަނީ އޭނާގެ އާއިލާގެ އެދުމުގެ މަތީން އޭޑީކޭ އަށް ވެސް ބަދަލުކޮށްފަ އެވެ. ނަމަވެސް އޭޑީކޭ އިން ވެސް ވަނީ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނެފަ އެވެ.