28 Dec 2015, 10:06
ޓްރިވެންޑްރަމް، އިންޑިއާ (28 ޑިސެންމްބަރު) -އަފުޣާނިސްތާން ޓީމަކީ ކުޅެން އުނދަގޫ ޓީމެއް ކަމަށާއި ނަމަވެސް އެޓީމާ ދެކޮޅަށް ޕާސިން ގޭމެއް ކުޅެފިނަ އެޓީމު ބަލި ކުރެވިދާނެ ކަމަށް ގައުމީ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.
އަފުޣާނިސްތާން މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ގައުމީ ކޯޗް ބުނީ މެޗް ވެގެންދާނީ "ވަރަށް ޓަފު މެޗަކަށް" ކަމަށާއި އަދި މިމެޗަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
ކޯޗް ބުނީ، ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަމަށާއި ދެ ދުވަހުން އެއް ދުވަހު މެޗު ކުޅެން ޖެހުމުން ކުޅުންތެރިން ވަރުބަލިވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންވެ މިއަދުގެ މެޗަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށެވެ.
"އަފުޣާން ޓީމުގައި ޔޫރަޕްގައި ކުޅޭ 18 ކުޅުންތެރިން އެބަތިބި. އެޓީމު ވަރަށް ޓަފުވާނެ. އަހަރެން އަބަދުވެސް ބޭނުމީ މިކަހަލަ ޓަފު ޓީމުތަކާ ދެކޮޅަށް ކުޅެން،" ގައުމީ ކޯޗް ބުންޏެވެ.
އަދި އަފުޣާނިސްތާނަށްވެސް ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް ކޯޗް ބުންޏެވެ.
ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެންނަމުނުންދާ ކުޅުމާމެދު ކޯޗް ވަނީ ހިތްހަމަޖެހުން ފާޅުުކޮށްފައެވެ. މިއަދުގެ މެޗުގައި ގިނަ އަދެއްގެ ޒުވާން ކުޅުންތެރިނަށް ފުރުސަތު ދޭނެ ކަމަށް ބެލެވެއެވެ.
އަފުޣާނިސްތާނާ ރާއްޖެ ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00 ގައެވެ.
މިއަދުގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ރާއްޖެއަށް ގުރޫޕްގެ އެއް ވަނަ ލިބޭނެއެވެ. އެއް ވަރުވެއްޖެ ނަމަ އެއް ވަނަ ލިބޭނީ އަފުޣާނިސްތާނަށެވެ.