28 Dec 2015, 09:32
އަނބިމީހާ އަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އިބްރާހިމް ޝާހު 40،ގެ ބަންދުގެ މުއްދަތު އިއްޔެ ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެމީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް އިއްޔެ ޖަހާދީފައިވާ ކަމަށެވެ.
ފިރިމީހާ އަނިޔާކޮށްގެން ޖިންސީ އަނިޔާތަކެއް ލިބުނު އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާތާ މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެގެން ދަނީ އެވެ. ހޮސްޕިޓަލިން މީގެކުރިން ބުނީ އަންހެން މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައި ކަމަށެވެ. އެހެންކަމުން އޮޕަރޭޝަން ވެސް ކުރެވޭ ގޮތް ނުވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ނަން ހާމަނުކުރުމަށް އެދި 'ސަން' އަށް މައުލޫމާތުދިން މީހަކު ކިޔައިދިން ގޮތުން ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި އަންހެން މީހާ ގެއިން ނުކުމެ އާއިލާއާ އެކު ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ އަންހެނަމީހާ އަށް އަނިޔާކުރި މައްސަލަ ކުށްވެރި ކުރާ ކަމަށާއި އެ މައްސަލާގައި އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.