28 Dec 2015, 09:23
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ ސުނައިޕަރު ޝޫޓަރުގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ސުނައިޕަރުގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން އުޅޭ ކަމުގެ ތުހުމަތުގައި ލަންކާގެ ސުނައިޕަރެއް ހައްޔަރުކޮށްފައިވާ އިރު ސުނައިޕަރު ޝޫޓަރަކު ރާއްޖެ ގެނައި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ވެސް ފުލުހުން ވަނީ ދާދިފަހުން ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17ވަނަ ދުވަހު އެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 27 އަހަރުގެ ސްރީލަންކާގެ ސުނައިޕަރު ޝޫޓަރު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ކަމަށެވެ.
އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ނަމަވެސް އޭނާއަށް ފައިސާ ދިނީ ކޮންބައެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
"މިމައްސަލާގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ޝްރީލަންކާގެ އެ މީހާ ރާއްޖެ ގެނެސްފައި ވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެމީހާއި ޙަވާލުކޮށްފައި ވަނީ ހަތިޔާރު ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލުމުގެ މަސައްކަތްކަން ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ،" މޯލްޑިވްސް ޕޮލިސް ސާވިސްގެ ބަޔާނުގައިވެ އެވެ.