ފިލްމީ ތާރީޚުގައި އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު، ޖޭޖޭ އޭބްރަމްސްގެ "ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް" މުގުރާލާއިފިއެވެ.

ސިނަމާތަކުގައި ފިލްމު އެޅުވުމުގެ 12 ދުވަސްތެރޭގައި އެއް ބިލިއަން އެމެރިކަން ޑޮލަރުގެ އަދަދަށް އެ ފިލްމު ވަނީ ވާސިލުވެފައެވެ. މީގެ ކުރިން އެ ރިކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަމަ މިއަހަރު އެވެ.

މިއަހަރު ޖޫން މަހު ދައްކަން ފެށި "ދަ ޖުރެސިކް ވޯލްޑް" އެ ރިކޯޑު މީގެ ކުރިން ގާއިމުކޮށްފައިވާއިރު އެ ފިލްމު އެއް ބިލިއަންގެ އާމްދަނީއެއް ހޯދާފައިވަނީ 13 ދުވަހުގެ ތެރޭގައެވެ.

ފޯސް އެވޭކެންސް އިން ވަނީ މިހާރުވެސް ބޮކްސް އޮފީހުގެ ތާރީހުގައި ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ. އެގޮތުން އެމެރިކާގެ ފިލްމީ ތާރީހުގައި މިހާތަނަށް ހަފްތާ ބަންދެއްގައި އެންމެ ބޮޑު ކާމިޔާބީއެ އެއް ހޯދި ފިލްމުގެ ރެކޯޑުވެސް ވަނީ އެ ފިލްމު މުގުރާލާފައެވެ.

އެ ރެކޯޑު އޭގެ ކުރިން ގާއިމުކޮށްފައިވަނީ ހެރީ ޕޮޓާ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމަށްވާ "ދަ ޑެތުލީ ހޮލޯސް: ޕާޓް 2" އެވެ.

އެ ރޭގެ މަތިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑުވެސް ވަނީ ފޯސް އެވޭކެންސް މުގުރާލާފައެވެ. އެމެރިކާގެ ސިނަމާތަކުގައި ފިލްމު އެޅުވި ރޭ އެ ފިލްމު ވަނީ 57 މިލިއަން ޑޮލަރެވެ.

ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ފޯސް އެވޭކެންސް އެޅުވި އިރުވެސް ޗައިނާގެ ސިނަމާތަކަށް އެފިލްމު އަދި އައިސްފައެއް ނުވެއެވެ. ޗައިނާ އަކީ ދުނޭގެ ދެވަނަ އަށް އެންމެ ބޮޑު ފިލްމު މާކެޓެވެ. އެހެން ކަމުން އެމެރިކާއާ އެކުގައި ޗައިނާގައި ފޯސް އެވޭކެންސް އެޅުވި ނަމަ އެ ފިލްމަށް މިހާރު ލިބެމުން އަންނަ ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެއެވެ.

ޗައިނާގައި ފޯސް އެވޭކެންސް އެޅުވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ނުވައެއްގައެވެ.