ޓްރިވެންޑްރަމް، އިންޑިއާ (28 ޑިސެމްބަރު) -ސާފް ސުޒުކީ ކަޕްގެ ގުރޫޕް 'ބީ' ގެ ފަހު މެޗްގައި ރާއްޖެއާ އަފްޣާނިސްތާން މިއަދު ވާދަ ކުރާއިރު މެޗްގެ ކުރިން ދެ ޓީމުގެ ކޯޗުންގެ ވާހަކަވެސް ހުރީ އެއް ގޮތަކަށެވެ. ދެ ޓީމުން ވެސް ބޭނުމީ ގުރޫޕގެ އެއް ވަނައެވެ.

އަފުޣާނިސްތާންގެ ކޯޗް ޕީޓާ ސެގާޓް ބުނީ އޭނާ އަބަދުވެސް ބޭނުމީ އެއް ވަނަ ކަމަށާއި ސެމީއިން ޖާގަ ކަށަވަރު ވެފައި އޮތް ނަމަވެސް އެޓީމުން މިއަދުގެ މެޗް ފަސޭހަ ނުކުރާނެ ކަމަށެވެ.

އަފުޣާންގެ ކޯޗުގެ ބަހަކީ އެޓީމުން ބޫޓާނާ ދެކޮޅަށް ކުޅުނަސް ކުޅޭނީ އެއް ގޭމް ޕްލޭނެއް ކަމަށާއި އިންޑިއާ އަދި ރާއްޖެއާ ދެކޮޅަށް ކުޅުނަސް ގޭމް ޕްލޭނަށް ތަފާތެއް ނުގެންނާނެ ކަމަށެވެ.

ދެން އޮތީ ރާއްޖޭގެ ވާހަކައެވެ. ރާއްޖެއާ އަފުޣާން މިހާތަނަށް ހަތަރު ފަހަރު ވާދަ ކޮށްފައިވާއިރު އެޓީމް މިހާތަނަށް އަފްޣާން އަތުން ބަލިވެފައެއް ނުވެއެވެ. އެހެންވެ މިއަދު ރާއްޖެއިން އެޓީމާ ދެކޮޅަށް ކުޅޭއިރު އަފުޣާން އަތުން ރާއްޖެ ބަލި ނުވެ ދަމަހައްޓަމުން އައި ރެކޯޑް ދަމަހައްޓަން ރާއްޖެއިން ބޭނުންވުމަކީ ރާއްޖެއިން މެޗުގައި އިތުރަށް މަސައްކަތް ކުރާނެ ކަމެކެވެ.

އަފުޣާނިސްތާން މެޗާ ބެހޭގޮތުން ރާއްޖޭގެ ކޯޗް ރިކީ ހާބަޓް ބުނީ އަފުޣާނިސްތާނާ ދެކޮޅަށް ޕާސިންގޭމެއް ކުޅެފިނަ އަފުޣާން ބަލި ކުރެވިދާނެ ކަމަށެވެ.

މީގެ އިތުރުން އެމެޗަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށް ކޯޗް ބުންޏެވެ. އެހެންވެ އަފުޣާން ފަދަ ޓީމުތަކާ ދެކޮޅަށް އަބަދުވެސް ކުޅެން ބޭނުންވާ ކަމަށާއި މެޗަކީ ދެ ޓީމަށްވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

މީގެ އިތުން ހާބަޓް ވަނީ ރާއްޖޭގެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހުން ފާޅުކޮށްފައެވެ. އަދި މެޗަކީ ރާއްޖެ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ޗެލެންޖަކަށް ވާނެ ކަމަށްވެސް ކޯޗް ބުންޏެވެ.

ރާއްޖެ މެޗްގައި ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެ ކުރާ ސަޕޯޓަށް ގައުމީ ކޯޗް ވަނީ ތައުރީފުކޮށްފައެވެ. އަދު އަފްޣާނިސްތާން މެޗްގައި ސަޕޯޓަރުންގެ ފަރާތުން އިތުރަށް ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ކޯޗް ވަނީ ސަޕޯޓަރުންނަށް އިޝާރާތްކޮށްފައެވެ.

ރާއްޖެއާ އަފުގާނިސްތާން މެޗުން ގުރޫޕްގެ އެއް ވަނަ ކަށަވަރުވާއިރު މިމެޗަކީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފެނިގެންނާދާނެ އެންމެ ވަރުގަދަ މެޗެވެ. އެހެންވެ ގުރޫޕްގެ އެއް ވަނަ ހޯދުމަށް ދެ ޓީމުގެ ވާދަވެރިކަން ބޮޑުވެގެންދާނެއެވެ.