ޑޮލަރު ގަނެ ވިއްކާ އަގަށް ސަރުކާރުން ބޮޑު ބަދަލެއް ގެނައިތާ ދެ ވަނަ ދުވަހު އެންމެ ބޮޑު އަގުގައި ޑޮލަރު ގަނެ ވިއްކީ ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެވެ.

އެ ބޭންކުން ޑޮލަރު ވިއްކީ އިއްޔެއެކޭ ވެސް އެއްގޮތަށް 15.42ރ. އަށެވެ. އަދި ބީއެމްއެލް އިން އިއްޔެ 12.75ރ. އަށް ޑޮލަރެއް ގަތް ނަމަވެސް މިއަދު ޑޮލަރު ގަތީ 14.42ރ. އަށެވެ. މިއީ ބާޒާރުގައި ޑޮލަރުގެ އަގު ހުރި އެންމެ މަތީ ރޭޓެވެ.

ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް ބީއެމްއެލް އިން އަދި ވެސް މީހަކަށް ވިއްކަނީ 100 ޑޮލަރެވެ.

ރާއްޖޭގައި ހުރި އަނެއް ތިން ބޭންކުން ޑޮލަރު ގަނެ ވިއްކި އަގުތަކަށް ބަލާއިރު ދެން އެންމެ އަގު ބޮޑުކޮށް ޑޮލަރު ވިއްކީ އެޗްއެސްބީސީން ނެވެ. އެބޭންކުން ޑޮލަރެއް ވިއްކީ 15.40ރ. އަށެވެ. އަދި ޑޮލަރު ގަތީ 13.10ރ އަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ޑޮލަރެއް 13.95ރ. ވިއްކި އިރު ޑޮލަރެއް ގަންނަމުން އައީ 13.08ރ. ގެ ރޭޓުންނެވެ. އަދި ޕާކިސްތާނަށް ނިސްބަތްވާ ހަބީބް ބޭންކުގައި ޑޮލަރު ގަތީ 13.60ރ. އަށެވެ. ވިއްކީ 13.75ރ. އަށެވެ.

އިއްޔެ އެންމެ ބޮޑު އަގުގައި ޑޮލަރު ގަތް ބޭންކް އޮފް ސިލޯނުން މިއަދު ޑޮލަރު ގަތީ ހަމަ އެ އަގަށް 13.60ރ. އަށެވެ. އަދި ވިއްކީ 14.45ރ. އަށެވެ.

ނަމަވެސް އެ ތަންތަނުން ބޭނުން ވަރަކަށް ޑޮލަރު ގަންނަން ލިބޭ ކަމެއް ނޭނގެ އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ޑޮލަރު ގަނެ ވިއްކާ ރަސްމީ އަގަކީ 10.28ރ. އާއި 15.42ރ. އާ ދެމެދުގެ އަގެއްކަމުގައި ކަނޑައަޅައި ބާޒާރަށް އެ އަގު ދޫކޮށްލައިފަ އެވެ.