28 Dec 2015, 06:45
އޭއެފްސީ ޗެލެންޖުކަޕްގައި އަފްގާނިސްތާން ކޮޅަށް އަސްހަދު އަލީ (އަޑޭ) ޖެހި ޕެނަލްޓީއަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލުކަން ހޯދި ޕެނަލްޓީ އެކެވެ. ޕެނަލްޓީ ޖަހަން ދުއްވައިގަތުމުގެ ތެރޭގައި ވެއްޓުނު ކަމަށް ހަދައި، ކީޕަރަށް އޮޅުވާލާފައި އަޑުބަރޭ އެ ލަނޑު ކާމިޔާބު ކުރީ މިދިޔަ އަހަރު އެވެ. އެންމެ ފަހުން އަފްގާނިސްތާނާއި ރާއްޖެ ބައްދަލު ކުރި މެޗުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ މޮޅުވީ ހަމަ ކިރިޔާ އެވެ.
ސާފް ސުޒުކީ ކަޕްގައި އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ މިއަދު ނުކުންނައިރު، އެ މެޗުގެ ނަތީޖާއާމެދު މިއަދު ވިސްނާލަން ޖެހެ އެވެ. ފީފާ ރޭންކިންގައި ސަރަހައްދުގެ އެއް ވަނާގައި އޮތް އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ވެސް ލަނޑެއް ނުޖެހެ އެވެ. މުބާރާތުގެ ތިން ވަނަ ހޮވި މެޗުގެ ނަތީޖާ ނެރުނީ 15 މިނެޓުގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ އެއްވަރުވުމުންނެވެ. 15 މިނެޓުގެ ފަހު ހާފުގައި އަފްގާނިސްތާން ލަނޑު ޖަހާފައި ވަނިކޮށް ރާއްޖެއިން ވެސް އެ މެޗުގައި ލަނޑު ޖެހި އެވެ. މެޗުގެ ލީޑު އަފްގާނިސްތާނުން ނެގިތާ ހަތަރު މިނެޓު ނުވަނީސް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އޭއެފްސީ ޗެލެންޖު ކަޕްގައި އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ މިދިޔަ އަހަރު ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އަފްގާނިސްތާން އަނެއްކާވެސް ރާއްޖެއާ ދެކޮޅަށް މިއަދު ނުކުންނައިރު، އަފްގާނިސްތާން ޓީމުގައި ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ 18 ކުޅުންތެރިޔަކު އެބަ ތިއްބެވެ. އެ ކުޅުންތެރިންނަކީ ޖަރުމަނާއި ނެދަލެންޑްސް އާއި ޑެންމާކުގެ އިތުރުން ސުވިޑަންގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ.
ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ އަފްގާންގެ ބައެއް ކުޅުންތެރިން



ސާފު ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖެ މައްޗަށް އަފްގާނިސްތާނަށް ކުރި ހޯދިފައެއް ނުވެ އެވެ. ނަމަވެސް ތާރިހު ބަލައިގެން މިއަދުގެ މެޗުން ރާއްޖެ މޮޅުވާނެ ކަމަށް ނިންމެން ނެތެވެ. އެއީ ޔޫރަޕަށް ކުޅޭ ކުޅުންތެރިން ތިބި ޓީމަކަށް ވުމުންނާއި ފިޒިކަލީ އަދި ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިން ތިބި ޓީމަކަށް އަފްގާނިސްތާންވުމުންނެވެ.
އަފްގާނިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އަހަރު، 2013 ވަނަ އަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު އެއްވަރުވީ 0-0 ނަތީޖާއަކުންނެވެ. ނަމަވެސް މީގެ ހަ އަހަރު ކުރިން 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ވަނީ އަފްގާނިސްތާން 1-3 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އަދި 2005 ވަނަ އަހަރު ރާއްޖެއިން ވަނީ އަފްގާނިސްތާން ކޮޅަށް ލަނޑު ގޯންޏެއް ޖަހާފަ އެވެ. އަހުމަދު ތާރިގު (ޓޮމް)ގެ ހެޓްރިކާއެކު ރާއްޖެ އެ މެޗު ކާމިޔާބު ކުރީ 1-9 ގެ ނަތީޖާއަކުންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރިގައި އަފްގާނިސްތާނަށް ރާއްޖެ މައްޗަށް ކުރި ހޯދިފައިނުވިޔަސް މިފަހަރުގެ ސާފް ސުޒުކީ ކަޕްގައި އެ ޓީމުގެ ކުޅުންތެރިން ދައްކަމުންދާ ކުޅުމުން ރާއްޖެ ބަލި ކުރުމަކީ ކައިރީގައި އޮތް ކަމެކެވެ. އެ ޓީމުން ވަނީ މިދިޔަ ބުދަ ދުވަހު ފެށި ސުޒުކީ ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަތް ލަނޑު ޖަހާފަ އެވެ.
މިއަދުގެ މެޗު ވެގެންދާނީ އޭއެފްސީ ޗެލެންޗު ކަޕުގައި އަފްގާނިސްތާނާ ދެކޮޅަށް ރާއްޖެ އެންމެ ފަހުން ކުޅުނު މެޗަށްފަހު އެއް އަހަރު ފަހުން އަނެއްކާވެސް މި ދެ ޓީމުގެ ވަރުގުގަދަ ކުރިމަތިލުމެއް ފެނިގެންދާނެ މެޗަކަށެވެ.