ސްޕެއިންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެންރިކޭ އިގްލޭސިއަސް ގެންގޮސްގެން ލަންކާގައި ބޭއްވި ޝޯއަށް ދިޔަ ބައެއް އަންހެން ސަޕޯޓަރުންގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުން، އެ ޝޯ އިންތިޒާމްކުރި ފަރާތްތަކަށް ހައްދުގެ އަދަބު ދޭން ޖެހޭ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ރައީސް ސިރިސޭނާ ވިދާޅުވި ގޮތުގައި، ޝޯގައި އަންހެން ސަޕޯޓަރުން ސްޓޭޖު މައްޗަށް އަރާ އެންރިކޭ އަށް ބޮސްދީ އާއްމުންގެ ތެރޭގައި ލައިގެން ތިބި ޖަންގިޔާތައް އޭނާއާ ދިމާލަށް އުކި ކަމަށް ބުނުމުން ލިބިވަޑައިގަތީ ކުއްލި ޝޮކެއް ކަމަށެވެ.

އެއީ ވަރަށް ނާ ތަހުޒީބު އަމަލެއް ކަމަށާއި ޝޯ އިންތިޒާމުކުރި މީހުންނަށް "ވިހަގަދަ މަޑީގެ ކަށިން" ހައްދު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑީގެ ކަށިން ހައްދުޖެހުމަކީ ލަންކާގެ އެވޭލާ ޒަމާނުގައި އެންމެ ބޮޑެތި ކުށްވެރިންނަށް އަދަބު ދިނުމަށްކުރާ ކަމެއް ކަމަށްވެ އެވެ.

"އެކަމަކީ އަހަރެމެންގެ ސަގާފަތާ ދެކޮޅަށްކުރި ވަރަށް ނާތަހުޒީބީ ކަމެއް. އަހަންނެއް ގަބޫލެއް ނުކުރަން ޝޯ ތެރޭގައި ނާތަހުޒީބީ ގޮތަކަށް އުޅުނު އަންހެނުންނަށް އަދަބު ލިބެންޖެހޭނެ ކަމަކަށް،" އާއްމުންނާ ބައްދަލުކުރައްވާ ރައީސް ސިރިސޭނާ ވިދާޅުވި އެވެ.

ރައީސް ސިރިސޭނާ ވިދާޅުވީ ޝޯ އިންތިޒާމު ކުރި ފަރާތްތަކަށް އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

އެންރިކޭ ޝޯގެ ޓިކެޓްގެ އަގުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސިރިސޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ފައިސާ ހޯދުމަށް ޓަކައި ޒުވާނުންނަށާއި ގައުމުގެ ސަގާފަތާއި އާދަކާދަ އަށް ބުރު އަރާގޮތަށް ބާއްވާ ޝޯތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލަންބޯގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ޝޯގެ ޓިކެޓްތައް އުޅުނީ 5000 ރުޕީސް (35 ޑޮލަރު) އާއި 50،000 ރުޕީސް (350 ޑޮލަރު) އާދެމެދުގެ އަގެއްގަ އެވެ.

ރައީސް ސިރިސޭނާގެ އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ޝޯ އިންތިޒާމްކުރި "ލައިވް އިވެންޓްސް" ގެ ފަރާތްތަކުން އަދި ރައްދުދީފައެއް ނުވެ އެވެ.

މައުލޫމާތު: ބީބީސީ އަދި ނޫސް އެޖެންސީތައް