ޓްރިވަންޑުރަމް (27 ޑިސެމްބަރު) -މުބާރާތުން ކެޓިޔަސް ޒުވާން ޓީމަކާއެކު ނޭޕާލު ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ނޭޕާލުގެ ކޯޗް ޕެޓްރިކް އޮސަމްސް ބުނެފިއެވެ.

ނޭޕާލް މި މުބާރާތުން ކެޓިއިރު، ކުޅުނު ދެ މެޗުންވެސް ބަލިވެ ނޭޕާލު ކޮޅަށް ވަނީ ފަސް ލަނޑު ވަދެފައެވެ. އެޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ.

އިންޑިއާ އަތުން 4-0 ގެ ނަތިޖާއަކުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ، ޓީމުގައި 23 އަހަރުން ދަށުގެ ކުޅުންތެރިން ގިނަ ކަމަށާއި ނަމަވެސް އެކުޅުންތެރިންނާއެކު ނޭޕާލު ދެއްކި ކުޅުމަކީ ވަރުގަދަ ކުޅުމެއް ކަމަށެވެ.

"އަހަރެމެން މިއުޅެނީ ޓީމު ބިނާ ކުރުމުގެ މަރުހަލާގެ ތެރެއިން. އެހެންވެ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން އަހަރެން މުބާރާތަށް ގެނައިން. ފުރަތަމަ މެޗްގައިވެސް އަދި މިމެޗުގައިވެސް އެކުޅުންތެރިން ވަނީ މޮޅު ކުޅުމެއްދައްކާފައި. ނޭޕާލު މުބާރާތުން ކެޓީ ޓީމުގެ ކުޅުން ދަަށް ވެގެނެއް ނޫން،" އޮސަމްސް ބުންޏެވެ.

އޭނާ ބުނީ، މޮޅުވެފައި އޮއްވައި ބަލިވީ ނަތީޖާގެ ފަރަގު ބޮޑުކޮށްގެން ނޫނީ ސެމީފައިނަލަށް ދެވެން ނެތުމުން ނަތީޖާގެ ފަރަގު ބޮޑުކުރުމަށް ރިސްކެއް ނަގައި އޭޓެކު ކުރަން ދިން ސަމާލުކަމުގެ ސަބަބުން ކަމަށެވެ.

އަދި މެޗްގެ 60 ވަނަ މިނެޓާއި ހަމަޔަށް ދިޔައިރު ބިމާލު ވަރުބަލިވެފައި ވުމުން އޭނާ ބަދަލު ކުރަން ޖެހުމުން ގޭމް ޕްލޭނަށް ބަދަލު ގެންނަން ޖެހުމަކީ ފަހުން ޓީމަށް ދިމާވި މައްސަލައެއް ކަމަށް އޮސަމްސް ބުންޏެވެ.

މި މުބާރާތުން ނޭޕާލު ކުޅުންތެރިންނަށް ތަޖުރިބާ ތަކެއް ލިބިއްޖެ ކަމަށާއި މިގޮތަށް ގިނަ މެޗްތަކެއް ކުޅެން ލިބޭނަމަ ނޭޕާލުގެ ފުޓްބޯޅަ ކުރިމަގުގު އޮތީ ވަރަށް އުޖާލާކޮށް ކަމަށްވެސް އޮސަމްސް ބުންޏެވެ.