28 Dec 2015, 12:04
މިއަހަރު ފާހަގަކުރެވިގެން ދިޔައީ ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލެވިގެން ދިޔަ އަހަރެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑު އުފުލައި އެއްވުންތަކެއް ވެސް ބާއްވައިފަ އެވެ.
އޭގެތެރޭގައި ފެބުރުއަރީ މަހު ޖުމްހޫރީ ޕާޓީ އިން އިސްނަގައިގެން ބޭއްވި އެއްވުމަކާއި މޭ މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވި ބޮޑު އެއްވުން ފާހަގަކޮށްލެވެ އެވެ.
މޭޑޭގެ މުޒާހަރާގެ ތެރެއިން --ސަން ފޮޓޯ/އަލީ ނަސީރު
ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަވައިދާ ހިލާފަށް ހައްޔަރުކޮށް ބަންދުގައި ބެހެއްޓި ކަމުގެ ތުހުމަތުގައި 13 އަހަރަށް ޖަލަށްލާން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް ކުރީ މިއަހަރުގެ ތެރޭގަ އެވެ. މިއަހަރު ސިޔާސީ ކުށްވެރިއަކަށް ހުކުމް ކުރި ފުރަތަމަ މީހަކީ ވެސް ރައީސް ނަޝީދު އެވެ.
އެމައްސަލައާ ގުޅިގެން ސިޔާސީ ހަލަބޮލިކަމެއް ރާއްޖޭގައި ފެތުރިގެން ދިޔަ އެވެ. މުޒާހަރާތައް އިތުރުވެ ރައީސް ނަޝީދު ދޫކޮށްލަން ގޮވާލާ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ޕްރެޝަރު ކުރަމުންދިޔަ އެވެ. ނަމަވެސް ސަރުކާރުން ދިން ޖަވާބަކީ އިސްތިއުނާފު މަރުހަލާ ނިންމުމެވެ.
ޝަރީއަތް ހިނގާ ދިޔަގޮތް
ޓެރަރިޒަމްގެ ދައުވާ އުފުލައި ކޯޓު އަމުރެއްގެ ދަށުން ނަޝީދު ހައްޔަރު ކުރީ 22 ފެބުރުރުއަރީގައި
- ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ 23 ފެބުރުއަރީ ދުވަހު ވަކީލުންނާ ނުލައި
- ދެވަނަ އަޑުއެހުމުގައި ދޭއް މާޗު ދުވަހު ދައުވާއަށް ނަޝީދު އިންކާރު ކުރި
- އަވަސް އަވަހަށް ގިނަ ޝަރީއަތް ތަކެއް ބޭއްވުމަށް ފަހު ހުކުމްކޮށްފައި ވަނީ 13 މާޗު ދުވަހު
ސިވިލް ކޯޓުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް ނަޝީދު ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވާފައި ---- ސަން ފޮޓޯ: އަލީ ނަސީރު
ނަޝީދު ޖަލަށް ލާން ހުުކުމް ކުރުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލިވެ ސިޔާސީ އެއްވުންތައް ގިނަވެގެން ދިއުމަށް މަގުފަހިވި ކަމަކެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމައްސަލައިގައި ވަކިގޮތެއް ނިންމޭނީ ޝަރުއީ މަރުހަލާ ނިންމައި ރައީސްގެ މޭޒަށް އައުމުން ކަމަށެވެ.
ހައިކޯޓު މަރުހަލާ
ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ދައުލަތުގެ ފަރާތުންނެވެ. އެ މައްސަލަ ބަލައި ގަތުމާ މެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ހައިކޯޓުން ނިންމާފައި ވަނީ އެމައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށާއި ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓު މަރުހަލާ
ނަޝީދުގެ މައްސަލަ ދައުލަތުގެ ފަރާތުންނާއި ނަޝީދުގެ ފަރާތުން ވެސް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ އިރު ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރުން
ނުރައްކާތެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ވެސް މިއަހަރުގެ ތެރޭގަ އެވެ.
ނާޒިމްގެ މައްޗަށް ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ އޭނާ ދިރިއުޅުއްވި އެޕާޓްމެންޓުން ފިސްތޯލައަކާ ތިންވަޒަން ފެނުނު މައްސަލާގަ އެވެ.
ހުކުމް ކުރުމުން ނާޒިމް ކޯޓުން ނުކުމެވަޑައިގަންނަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
ކާނަލް ނާޒިމްގެ ޝަރީއަތް ހިނގައި ދިޔަގޮތް
ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ ދުވަހުގެ ރޭ
- ފުރަތަމަ ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ
- ދައުވާ ބަދަލުކޮށް އަލުން ދައުވާ އުުފުލާފައިވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއަށް
- ދޭއް މާޗު ދުވަހު ނާޒިމް ވަނީ ދައުވާއަށް އިންކާރުކޮށްފައި
- އޭގެ 25 ދުވަސް ފަހުން 11 އަހަރަށް ޖަލަށް ލާން ނާޒިމްގެ މައްޗަށް ހުކުމް ކުރީ 27 މާޗު ދުވަހު
ހައިކޯޓު މަރުހަލާ
ނާޒިމްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްގެން މިހާރު ޝަރީއަތްތައް ކުރިއަށްދާއިރު މައްސަލަ ނިންމުމަށް ގިނަ އަޑުއެހުންތަކެއް ކައިރިކައިރީގައި ދަނީ ބާއްވަމުންނެވެ.
ނާޒިމް ޖަލަށް ލާން ހުކުމް ކުރުން ވެގެންދިޔައީ އޭރު ސަރުކާރަށް ތާއީދު ކުރި ބައެއް ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ނުކުމެ އަޑުއުފުލަން ފެށި ކަމަކަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފާހަގަކޮށްލެވެ އެވެ.
ޝައިޚު އިމްރާން އަބްދުﷲ ގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުން
"އަނިޔާވެރިކަން ނިންމަން" މިނަމުގައި މޭޑޭގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވާހަކަދައްކަވަމުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާތީ ކަމަށް ބުނެ އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ވެސް މިއަހަރުގެ ތެރޭގަ އެވެ.
ހައިކޯޓަށް ހާޒިރުކުރުމަށްފަހު އިމްރާން ޕޮލިސް ލޯންޗުގައި ދޫނިދޫއަށް ގެންދަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
އެދައުވާއަށް އިމްރާން ވަނީ އިންކާރުކުރައްވާފަ އެވެ. އެ ޝަރީއަތުގެ މާގިނަ އަޑުއެހުންތަކެއް އެދި ބޭއްވިފައި ނުވާ އިރު އިމްރާން މިހާރު ހުރީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ތޮލްހަތު އިބްރާހީމް ކަލޭފާނުގެ ޖަލު ހުކުމް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު 10 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ވެސް މިއަހަރުގެ ތެރޭގަ އެވެ.
ތޮލްހަތު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު
މެމްބަރު ނާޒިމް އުމުރަށް ޖަލަށް ލުން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތްހެދުމުގެ ހަތަރު ދައުވާގެ އަޑުއެހުންތައް ނިންމައި ސުޕްރީމް ކޯޓުން ވަނީ މިއަހަރު ނާޒިމް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ
ނާޒިމްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓު ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.