28 Dec 2015, 23:03
ޗައިނާގައި އިމާރާތެއްގެ 11 ވަނަ ބުރިން ވެއްޓުނު އަންހެނަކު ސަލާމަތް ކުރަން، ބިންމަތީގައި ހުރި މީހަކު އޭނާ ހިފަން ކުރި މަސައްކަތް ނާކާމިޔާބުވެ، ވެއްޓުނު އަންހެން މީހާ މަރުވެއްޖެ އެވެ.
ޗައިނާގެ މެދު ތެރޭގައި އޮންނަ ހުބެއި ޕްރޮވިންސްގެ އެންޝީ ސިޓީގައި މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި އިމާރާތުގެ މަތިން ވެއްޓުނު އަންހެން މީހާ މަރުވީ، އޭނާ ހިފަން އުޅުނު މީހާ ވެސް އެކަން ކާމިޔާބުނުވެ، ވެއްޓުލެއް ބާރުކަމުން ބިންމަތީގައި ޖެހިގެންނެވެ. އެ އަންހެން މީހާ ބިންމަތީގައި ޖެހުމުގެ ކުރިން ހިފަން މަސައްކަތް ކުރީ އަސްކަރިއްޔާގެ ހިދުމަތުގައި ކުރިން އުޅެފައިވާ ޗައިނާ މީހެއް ކމަށްވާ ފެންގު ނިންގު އެވެ.
އިމާރާތުން ވެއްޓުނު އަންހެން މީހާ ހިފަން މަސައްކަތް ކުރީ ފެންގަށް ވެސް ވަނީ އެކިވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ހޮސްޕިޓަލުގައި މިހާރު ވެސް ފަރުވާ ހޯދަމުން ދާ ފެންގު ބުނާ ގޮތުން، އަންހެން މީހާ ވެއްޓުނު އިމާރާތުގެ ކައިރީގައި ހުރި ރެސްޓޯރެންޓަކުން ނުކުތް އިރު މީހަކު އެހީއަށް އެދި ރޯއަޑު އިވުނެވެ. އަދި އެ ވަގުތު އޭނާއަށް އެ އިމާރާތުގެ 11 ވަނަ ބުރީގެ ކުޑަ ދޮރުން މީހަކު އެލިގެން އޮތް މަންޒަރު ފެނުނެވެ.
އަންހެން މީހާ އިމާރާތުގެ މަތިން ފުއްމާލީ ކަމެއް އަދި ނޭނގެ އެވެ.
"އަހަރެން އެ އިމާރާތް ކައިރިއަށް ދުއްވައި ގަތިން. އެކަމަކު އިމާރާތުގެ މައި ގޭޓަށް ދިއުމުގެ ކުރިން އޭނާ ވެއްޓޭތަން ފެނުނު. އެހެންވެގެން އަހަރެން ތައްޔާރުވީ އޭނާ ހިފަން. އޭގެ ފަހުން ވީގޮތެއް ނޭނގެ،" ފެންގު ބުންޏެވެ.
އެ ހާދިސާގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުން، އަންހެން މީހާ ވެއްޓުނުލެއް ބާރު ކަމުން ފެންގާއި ދެމީހުން ބިންމައްޗަށް ވެއްޓެއެވެ. އަދި ބަޔަކު އައިސް މަގުގެ އެއް ފަރާތަށް ފެންގް ޖައްސައެވެ.