27 Dec 2015, 20:44
ޓްރިވެންޑްރަމް، އިންޑިއާ (27 ޑިސެމްބަރު)- އިންޑިއާގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެގައުމުގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބު ލިބެނީ އެޓީމުގެ ފޯވަޑް ޗަންޓޭ ލަލިއަންޒޯލާއަށެވެ. އަދި އޭނާ ވެގެންދާނީ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ޓީމަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.
އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ އަކީ އިންޑިއަން ސުޕަލީގްގެ ދިއްލީ ޑައިނަމޯއަށް ކުޅެމުންދާ ކުޅުންތެރިޔެކެވެ.
މިއަދު ނޭޕާލާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗްގައި ޒޯލާ ކުޅުމުން މިއީ އިންޑިއާގެ ސީނިއާ ގައުމީ ޓީމުގައި އޭނާ ކުޅުނު ދެ ވަނަ މެޗެވެ. އެމެޗުގައި ޗަންޓޭ ވަނީ އިންޑިއާގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް އިންޑިއާގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މިދިޔަ ހުކުރު ދުވަހު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ދެ ލަނޑު ޖަހައިދިން ރޮބިން ސިންހްގެ ބަދަލުގައި ކުޅެން އެރި ޒޯލާ ވަނީ އެ މެޗުގައިވެސް ކުޅެން އަރައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ޒޯލާ މެޗަށް ނެރުނީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ހޯދަދިނުމަށްތޯ ސުވާލު ކުރުމުން އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ބުނީ ޒޯލާއަކީ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ ކަމެއް އޭނާއަށް ނޭނގޭ ކަމަށާއި ނަމަވެސް ޒޯލާ ސްކޮޑަށް ނަގައި، އޭނާއަށް މެޗުން ފުރުސަތު ދޭން ނިންމީ އިންޑިއާގެ ކުރިމަގުގެ ފުޓްބޯޅަ ބިނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ކޮންސްޓެޓެއިން ބުނީ ޒޯލާއަކީ ކުރިމަގުގައި ވިދާލާނެ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އިންޑިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
އަދި އެމެޗުގައިވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ޒޯލާ ދެއްކި މޮޅު ކުޅުން ކޮންސްޓެޓެއިން ފާހަގަ ކުރިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީޚްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބު ލިބެނީ މިއަދު ނޭޕާލަށް ލަނޑު ޖަހައިދިން އެޓީމުގެ، އުމުރުން 17 އަހަރުގެ ޒުވާން ފޯވާޑް ބިމާލު ގަރުތީ މަގަރު އެވެ. އޭނާ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ކުޅެފައި ވަނީ، އުމުރުން އެންމެ 14 އަހަރުގައެވެ. 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބިމާލް ވަނީ، ޕާކިސްތާނު ކޮޅަށް ލަނޑު ޖަހައި، މުބާރާތުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް ގާއިމުކޮށްފައެވެ.