ކޯސިކާ (ޑިސެމްބަރ 27): ފްރާންސްގެ ރަށެއް ކަމަށްވާ ކޯސިކާގެ މިސްކިތަކަށް ހުކުރު ދުވަހު ބަޔަކު ހަމަލާ ދިނުމަށްފަހު މިސްކިތުގައި ހުރި މުސްހަފުތަކެއް އަންދާލައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކޯސިކާގެ ދެ ފަޔާ ފައިޓަރުންނަށާއި ފުލުހަކަށް "މޫނު ފޮރުވައިގެން ތިބި ބަޔަކު" ހަމަލާދިން ފަހުންނެވެ. އަދި މިސްކިތައް ހަމަލާ ދިނުމުގައި ބައިވެރިވީ އެ ތިން މީހުންނަށް ދިން ހަމަލާއާ ދެކޮޅަށް މުޒާހަރަން ނުކުމެ ތިބި މީހުންގެ ތެރެއިން ބަޔެކެވެ.

މިސްކިތައް ހަމަލާ ދިން މީހުން ވަނީ "އަރަބިން ފްރާންސް ދޫކޮށް ދިޔުމަށް" ގޮވާލައިފަ އެވެ. އަދި މިސްކިތުގެ ބިއްލޫރި ދޮރު ތަޅާލުމަށް ފަހު ވަދެ، މިސްކިތަށް ގެއްލުންދީ، 50 ވަރަކަށް މުސްހަފުތައް އަންދާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޯސިކާގެ މިސްކިތައް ހަމަލާ ދިން މީހުން ވަނީ މިސްކިތުގެ ބިއްލޫރި ދޮރު ތަޅާލައިފަ -- ފޮޓޯ: އޭއެފްޕީ

ފްރާންސުގެ ފުލުހުން މިހާރު ދަނީ އެ ދެ ހަމަލާ ތަހުގީގު ކުރަމުންނެވެ. އަދި ކޯސިކާގެ ބައެއް މިސްކިތްތައް ކައިރީގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ނޮވެމްބަރު 13 ވަނަ ދުވަހު ފްރާންސުގެ ޕެރިހަށް އައިއެސް އިން ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ފްރާންސުގެ މުސްލިމް ރައްޔިތުންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައި އެވެ. (އަލްޖަޒީރާ)