27 Dec 2015, 17:51
ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ ގައުމުގެ ޔުނާން ޕްރޮވިންސުގައި ރާއްޖޭގެ ޓްރޭޑް އޮފީހެއް ހުޅުވަން ނިންމައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ މިއަދު ހެނދުނުން ފެށިގެން ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ ޗައިނާގެ ޔުނާން ޕްރޮވިންސް ކޯޕަރޭޝަން ފްރޭމް ވޯކްގެ ބައްދަލުވުމުގަ އެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާގެ ޔުނާންގައި ރާއްޖޭގެ ޓޫރިޒަމް ރަމްޒުކޮށް ދޭ އޮފީހެއް ގާއިމް ކުރުމަކީ ރައީސް ޔާމީންގެ ވެސް ވަރަށް ބޮޑު އެދިލެއްވުމަށް ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ޔުނާން ޕްރޮވިންސަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނަ ޕްރޮވިންސަކަށް ވެފައި، ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރަން ރާއްޖޭގެ ވިޔަފާރިވެރިން އެތަނަށް ދާއިރު އެތަނުގައި ހުޅުވަން ނިންމި އޮފީހުގެ ސަބަބުން އެފަދަ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ލިއްބައިދޭނެ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ވިޔަފާރިއާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ކުރިއެރުމެއް،" އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސަކީ މުޅި ޗައިނާ އިން ވެސް ރާއްޖެއަށް އެންމެ ގިނަ އެއާލައިން އޮޕަރޭޓް ކުރަމުން އަންނަ އެއް ޕްރޮވިންސެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިފެށޭ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އޮފީސް ހުޅުވާނެ ކަމަށެވެ.